ކޮމިޝަންގެ މެމްބަރުކަމަށް ޞަފާ ޝަފީޤު ޢައްޔަނުކުރައްވައިފި

May 9, 2023

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ދ. މީދޫ، ބިއްލޫރިވިލާ ޞަފާ ޝަފީޤު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޞަފާ ޝަފީޤު ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަސް އަހަރުގެ ދައުރަކަށް އަލަށް ކޮމިޝަންގެ މެމްބަރުކަމަށް ޞަފާ ޝަފީޤު ޢައްޔަނުކުރެއްވީ، ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމެއް ހުސްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ  ދިރާސާއަށް ފަހު، ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓަށް އެއްސެވުމަށްފަހު، 40 މެމްބަރުންގެ ވޯޓުން ހޮވިވަޑައިގެންނެވުމުންނެވެ.

ޞަފާ ޝަފީޤަކީ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައެވެ. މީގެއިތުރުން، 2006 ވަނަ އަހަރުން ފެށިގެން ޓީވީއެމްގެ ޕްރޮގްރާމްތައް ޞަފާ ޝަފީޤު އަންނަނީ ހުށަހަޅުއްވަމުންނެވެ. އަދި އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.