ރާއްޖޭގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ޚިދުމަތް ހަމައެކަނި ނަމެއްގައި އޮތްކަމީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ވަރަށް ކަންބޮޑުވާ ކަމެއް

June 26, 2011

ނޫސް ބަޔާން

ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ރާއްޖޭގައި މީގެ 48 އަހަރު ކުރިން ފެށުނީއްސުރެ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ އަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމަށާއި، ނަމަވެސް މިއަދު ރާއްޖޭގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ޚިދުމަތް ހަމައެކަނި ނަމެއްގައި އޮތްކަމީ  މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި މި ކޮމިޝަންގެ ނައިބް ރައީސް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިޔާގެ ހައިދަރުއާބާދުގައި މި މަހުގެ 24 ން 27 އަށް ބާއްވާ އޭޝިޔަން މީޑިޔާ އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ސެންޓަރ، އެމިކް، ގެ 20 ވަނަ އަހަރީ ޖަލްސާގައި ބޭއްވި “ސެމިނަރ އޮން ރީ ފޯކަސިންގ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ އިން ސައުތު އޭޝިޔާ” ގައި ވާހަކަ ދައްކަވަމުންނެވެ.

އަލްފާޟިލް މުޙައްމަދު ޝަހީބުގެ ވާހަކައިގައި، 29 ޑިސެމްބަރު 1962 ގައި ރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް ފެށުނު ގޮތާއި، 29 މާރޗް 1978 ގައި ޓެލެވިޜަންގެ ޚިދުމަތް ފެށުނު ގޮތުގެ މައްޗަށް ބައްލަވާލައްވައި، ސްޓޭޓް ބްރޯޑްކާސްޓަރުންގެ ގޮތުގައި ޚިދުމަތް ދެމުންދިޔަ މި ދެ ސްޓޭޝަނުން ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ތާރީޚުގައި އަދާކުރި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ މުހިންމު ދައުރުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ތާރީޚުގައި މި ދެ ޚިދުމަތް ވެފައިވަނީ ދިވެހި ރައްޔިތުންގެ މަޢުލޫމާތާއި، ހޭލުންތެރި ކުރުވުމާއި، މުނިފޫހި ފިލުވުމުގެ މައިގަނޑު އަސާސް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ތަރައްޤީ ވަމުންއައި ގޮތުގެ މައްޗަށް ބައްލަވާލައްވަމުން، ޕްރޮގްރާމްތައް އުފައްދައި ތައްޔާރުކޮށް ހުށަހެޅުމުގައި، އޭރު ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ފާހަގަ ކުރައްވައި، މިފަދަ ކަންކަން ގިރާކޮށް ރައްޔިތުންނަށް އަމާޒުކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ތަފާތު ޕްރޮގްރާމްތައް އުފައްދައި ބްރޯޑްކާސްޓް ކުރުމުގައި މި ދެ މުޢައްސަސާއިން ކޮށްފައިވާ ބުރަ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ.

ޤައުމެއް ބިނާކޮށް ތަރައްޤީ ކުރުމުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ދައުރުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދައްކަވަމުން، ޤައުމީ ޓީވީ އާއި ޤައުމީ ރޭޑިޔޯގެ ގޮތުގައި އޭރު ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އިން ޚިދުމަތް ދެމުންއައީ އެއަރ-ޓައިމްގެ ގާތްގަޑަކަށް 90
އިންސައްތަ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ އަށް ޚާއްޞަ ކޮށްގެން ކަން ފާހަގަ ކުރެއްވިއެވެ.

 މިގޮތުން ރާއްޖޭގައި ލިޔަން ކިޔަން ނުދަންނަ މީހުންނަށް އަސާސީ ތަޢުލީމު އުނގަންނައި ދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ދަށުން އޭރުގެ ވޮއިސް އޮފް މޯލްޑިވްސް އިން ގެނެސްދިން ޕްރޮގްރާމް ތަކާއި، 1970 ގެ އަހަރު ތަކުގައާއި 1980 ގެ އަހަރު ތަކުގައި ފެތުރުނު ކޮލެރާ، މެލޭރިޔާ އަދި ޝިގެއްލާ ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ގެނެސްދިން ޕްރޮގްރާމް ތަކާއި، ރާއްޖޭގެ މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ ސިނާޢަތު ފުޅާކޮށް ތަރައްޤީ ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަޤުސަދުގައި ގެނެސްދީފައިވާ ޕްރޮގްރާމްތަކަކީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށް ވިދާޅުވިއެވެ.

އަލްފާޟިލް މުޙައްމަދު ޝަހީބު ހައިދަރްއާބާދަށް ކުރެއްވި މިދަތުރަކީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ތާރީޚުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ އުފެދިގެން އައިގޮތާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމެއްގެ، ފެތުރިފައިވާ އާބާދީ އަކަށް ޕްރޮގްރާމްތައް އުފައްދާ ހުށަހެޅުމުގައި ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގައި ރާއްޖޭގެ ތަޖުރިބާ ޙިއްސާ ކުރުމަށް އެދި، އެމިކުން ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރެކެވެ. މި ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވާ ދެއްވާފައިވަނީ އެމިކުންނެވެ.

އޭޝިޔަން މީޑިޔާ އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ސެންޓަރ، އެމިކް، އަކީ، ސަރުކާރުތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ރެގިޔުލޭޓަރުންނާއި، މީޑިޔާ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކާއި، އ.ދ ގެ އިދާރާތަކާއި، އެހީދޭ ޖަމާޢަތްތަކާއި، މަދަނީ ޖަމްޢިއްޔާތައް ބައިވެރިކޮށްގެން މީޑިޔާގެ ތަރައްޤީއަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ޖަމްޢިއްޔާ އެކެވެ.

26 ޖޫން   2011