“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު”ގެ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލައިފި

July 10, 2018

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު”ގެ ދެލިކޮޕީއަށް ބްރޯޑްކާސްޓަރުންނާއި އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އާއްމުކޮށް ހުޅުވާލައިފިއެވެ.

މި އުސޫލަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން، އިންތިޚާބެއްގެ ދުވަސްވަރު، އެ އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓެއް ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްގެން އެ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން އިޝްތިހާރާއި ޕްރޮގްރާމް ފޮނުވުމަށް ވަގުތު ދިނުމުގައި ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި އެ ހަމަތަކާ ޚިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބެލުމާއި އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުސޫލެވެ.

އަދި މި އުސޫލަކީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) އަށް ގެނެސްފައިވާ ފުރަތަމަ އިސްލާޙު އިއްޔެ ތަސްދީޤުކުރެއްވުމާއި ގުޅިގެން، އެ އިސްލާޙުގެ ދަށުން، މި ފަދަ އުސޫލެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލާ އާންމުކުރުމަށް ކޮމިޝަނަށް ލާޒިމްކޮށްފައިވުމާ ގުޅިގެން އެކުލަވާލާ އުސޫލެކެވެ.

މި އުސޫލުގެ ދެލިކޮޕީއަށް ޚިޔާލު ދެއްވުމަށް ޝައުގުވެރިވެލައްވާ ބްރޯޑްކާސްޓަރުންނާއި އާންމު ފަރާތްތަކުން 15 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 02:00ގެ ކުރިން އެ ފަދަ ކޮމެންޓްތައް ފޮނުއްވާނީ މި ކޮމިޝަނުގެ އީމެއިލް: strategic@broadcom.org.mv އަށެވެ.