ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކްރިމިނަލް ކޯޓުގެ ޣާޒީއަކު ކެފޭއެއްގައި ތިއްބަވަނިކޮށް ރާއްޖެޓީވީގެ ނޫސްވެރިން ނަގާފައިވާ ވީޑިއޯ ގަދަކަމުން ފޮހެލިކަމަށް ބުނެ މީޑިއާގައި ފެތުރުނު ޚަބަރަކާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލަ ތަޙްޤީޤުކޮށް ނިންމުން

May 4, 2015

ނޫސް ބަޔާން

8 މާރިޗު 2015 ވަނަ ދުވަހުގެ ރޭ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކްރިމިނަލް ކޯޓުގެ ޣާޒީއަކު ކެފޭއެއްގައި ތިއްބަވަނިކޮށް ރާއްޖެޓީވީގެ ނޫސްވެރިން ނަގާފައިވާ ވީޑިއޯ ގަދަކަމުން ފޮހެލިކަމަށް ބުނެ މީޑިއާގައި ފެތުރުނު ޚަބަރަކާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލަ  ތަޙްޤީޤުކޮށް ނިންމައިފިއެވެ. ތިރީގައި މި ވަނީ މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައިވާ ޚުލާސާ ބަޔާނެވެ.

“8 މާރިޗު 2015 ދުވަހުގެ ރޭ ކެފޭ ލަޔާލީގައި، ޕްރޮސެކިއުޓަރ ޖެނެރަލްއާއި ކްރިމިނަލް ކޯޓުގެ ޣާޒީއެއް ތިއްބަވަނިކޮށް ރާއްޖެޓީވީގެ ނޫސްވެރީންގެ ޓީމެއް އެ ކެފޭއަށް ގޮސް ނެގި ވީޑިއޯ ފޮހެލިކަމަށް ބުނާ މައްސަލައިގެ ތަހްޤީޤުން ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ރާއްޖެޓީވީގެ ކެމެރާމަން އެ ކެފޭއަށް ގޮސް ވީޑިއޯކުރިކަމާއި އަދި އެ ވީޑިއޯ ފަހުން ފޮހެލުމަށް މަޖުބޫރުކުރާ ސަބަބުތަކެއް މެދުވެރިވެފައިވާކަމަށް ޤަބޫލުކުރެވޭ ކަމާއި، މި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ހާލަތެއްކަމަށް ކޮމިޝަނަށް ފެނުނު ހިނދު؛ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ނޫސްވެރީންނަށް ލިބިދީފައި އޮތް ހައްޤު ބިރުވެރިކަމެއް ނެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނޭ ފަދަ މާހައުލެއް ދެމެހެއްޓުމުގެ ގޮތުން މިފަދަ މަޖުބޫރީ ހާލަތްތައް ބްރޯޑްކާސްޓަރުންނަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި މީޑިއާއަށް މެދުވެރި ނުވާނޭ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެ ވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރުމަށް މި މައްސަލަ ނިންމި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.”

4 މޭ 2015