މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުތައް ބާރުވެރިކުރުވުމާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް ފަރާތަކުން ކުރުމަށް ފުރުސަތު ނުދެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އިލްތިމާސް ދަންނަވައިފި

October 29, 2013

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުތައް ބާރުވެރިކުރުވުމާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް ފަރާތަކުން ކުރުމަށް ފުރުސަތު ނުދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ދަންނަވައިފި އެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅިގެން ރައްޔިތުންގެ މަޖުލީހުގެ ރައީސް އަބްދުﷲ ޝާހިދަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

“މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް 2010/16 ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދައި، ބްރޯޑްކާސްޓް ކޮންޓެންޓާ ގުޅުން ހުރި މައްސަލަތައް ބެލުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން މިނިވަން 2 މުއައްސަސާއާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް 19 އޮކްޓޯބަރ 2013ގައި ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓެއްގެ މައްސަލަ ބެލުމަށް، މި ދެ ޤާނޫނު ފަހަނަޅައި، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ސުޕްރީމް ކޯޓުން އަމުރެއް ކުރައްވާފައިވާކަމީ އެކަމާ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ސުޕްރީމް ކޯޓުގައި ވާނީ ދަންނަވާފައެވެ. އަދި  ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅޭ މި މައްސަލަ ފުލުހުން ތަހްޤީޤު ކުރައްވަނީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ކަމަށް ވުމަކީ އެކަމާ މި ކޮމިޝަނުން އިތުރަށް ކަންބޮޑުވާ ކަމެއް ކަމުގައި ވެސް ފާހަގަކުރަމެވެ.

“އަދި މިމައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން މި ކޮމިޝަނަށް 21 އޮކްޓޯބަރ 2013ގައި ހުށަހެޅުއްވުމުން، އެމައްސަލަ މި ކޮމިޝަނުން ބަލަމުންދާކަން 24 އޮކްޓޯބަރ 2013ގައި ސުޕްރީމް ކޯޓަށް ދަންނަވާފައިވަނިކޮށް، އެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރެއް ކުރެއްވިކަމީ ޤާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ، ޑިމޮކްރެޓިކް މުޖުތަމައެއްގެ މައިގަނޑު އަސާސްތަކާ ޚިލާފު ކަމެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ.

“މަތީގައި ދަންނަވާފައިވާ މައްސަލަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން މި ކޮމިޝަނުން ބަލަމުންގެންދާތީ، މި މައްސަލަ ބެއްލެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރެއްވި އަމުރު ބާތިލްކުރައްވައި އެ މައްސަލަ އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި ކޮމިޝަނުން މިހާރު ވާނީ އިލްތިމާސް ދަންނަވާފައެވެ.

“ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާ ގުޅުންހުރި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ޤާނޫނީ ޒިންމާ މި ކޮމިޝަނާ ހަވާލުކޮށްފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެފަދަ މައްސަލަތައް ތަޙްޤީޤު ކުރަން ފެށުމުން އެއީ މީޑީއާގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މަތީގައި ދަންނަވައިފައިވާ ޤާނޫނުތައް ފަހަނަޅައި އެ ޤާނޫނުތަކުގެ ބާރުކެނޑިގެންދާ ފަދަ ކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ.

“ވީމާ، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މިދެންނެވި ޤާނޫނުތައް ބާރުވެރިކުރުވުމާއެކު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް ފަރާތަކުން ކުރުމަށް ފުރުސަތު ނުދެއްވުމަށް ތިޔަ އިއްޒަތްތެރި މަޖިލީހުން މަސައްކަތްކޮށްދެއްވުމަށް މަނިކުފާނަށް އިލްތިމާސް ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.”