ޤާނޫނުލް އުޤޫބާތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން މީޑިއާއަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

December 27, 2014

އެޓާނީ ޖެނެރަލްގެ އޮފީހުން އިސްގަނަގައިގެން ޤާނޫނުލް އުޤޫބާތަށް މީޑިއާ އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި ތަމްރީނު ޕްރޮގްރާމެއް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުން ފާހަގކުރުމުގެ ގޮތުން މިއަދު ސޯލްޓް ރެސްޓޯރަންޓް ގައި ބޭއްވި ރަސްމިއްޔާތުގައި ވާރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުﷲ ޝުޖާއުއެވެ. މި ރަސްމިއްޔާތުގައި، ވޯކްޝޮޕްގެ ބައިވެރިންނާ މުޙާތަބުކޮށް ކޮމިޝަންގެ ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަލަށް އަމަލުކުރަން ފަށާ ޤާނޫނުލް އުޤޫބާތަށް ރައްޔިތުން އަހުލުވެރިކުރުމުގެ އެންމެ ބޮޑު އެއް ދައުރު އަދާކުރަންޖެހޭ ފަރާތަކީ މީޑިއާކަން ފާހަގަކުރައްވައި މި މައުލޫމާތު ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ހުރިހާ މީޑިއާތަކަށް ގޮވާލެއްވިއެވެ. އަދި މި ތަމްރީނު ޕްރޮގްރާމް ވަރަށް ފުރިހަމަ ގޮތެއްގައި ރާވައި ހިންގެވިކަމަށްޓަކައި އެޓަރނީ ޖެނެރަލް އަށާއި ތަމްރީނު ދެއްވި ފަރާތްތަކަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމް ބޭއްވުމުގެ މަގްސަދަކީ ޤާނޫނުލް އުޤޫބާތުގައި ހިމެނޭ މުހިއްމު ސިފަތަކާ ބެހޭގޮތުން މައުލުމާތު ދިނުމާއި ޖިނާއީ މައްސަލަތައް ރިޕޯޓްކުރުމުގައި ސަމާލުކަން ދޭންވީކަންކަމާ މެދު ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން އަހުލުވެރިކުރުވުމެވެ.

މިއަދު ބޭއްވި މި ވާރކްޝޮޕްގައި ތަމްރީން ދެއްވާފައިވަނީ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރުގެ ލީގަލް ކޮންސަލްޓަންޓް އަލްއުސްތާޛު ހުސައިން ޝަމީމްއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ އިތުރުން މީޑިއާއާ ގުޅުންހުރި ފަރާތްތައް މިއަދުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.