ރާއްޖެ ޓީވީގެ ކޮންޓެންޓަކާ ގުޅޭ ގޮތުން ސުޕްރީމު ކޯޓުން ހުށަހެޅި މައްސަލަ ނިންމި ގޮތުގެ މައުލޫމާތު ހިއްސާކޮށްފި

December 22, 2013

ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅޭ ގޮތުން ސުޕްރީމު ކޯޓުން ހުށަހެޅި މައްސަލަ ނިންމި ގޮތުގެ މައުލޫމާތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ސުޕްރީމު ކޯޓާ ހިއްސާކޮށްފި އެވެ.

ތިރީގައި މި ވަނީ ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި “މަގޭ ރިޕޯޓް” އާ ގުޅިގެން ސުޕްރީމު ކޯޓުގެ ސިޓީއަކުން 21 އޮކްޓޫބަރު 2013 ގައި ހުށަހެޅި މައްސަލަ ނިންމި ގޮތް ހިއްސާކޮށް އުއްތަމަ ފަނޑިޔާރަަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން 19 ޑިސެމްބަރު 2013 ގައި ފޮނުވި ސިޓީގެ މުހިންމު ބައިތަކެވެ.

“ޙަވާލާދީފައިވާ ސިޓީގައި ރާއްޖެ ޓީވީން 19 އޮކްޓޯބަރ 2013ވަނަ ދުވަހުގެރޭ ފޮނުވި”މަގޭ ރިޕޯޓް” ޕްރޮގްރާމްގެ ކޮންޓެންޓްގައި ޤައުމީ ސަލާމަތަށް އުނިކަން އަންނަ ކޮންޓެންޓް ހިމެނޭކަމަށް ބަޔާންކުރައްވާފައި ވީނަމަވެސް އެފަދަ ކޮންޓެންޓެއް އެޕްރޮގްރާމްގައި ހުރިކަން ކޮމިޝަނުން މައްސަލަ ބެލުމުގައި ފާހަގަވެފައިނުވާ ވަހާކަ ދަންނަވަމެވެ.

“ނަމަވެސް، މި މައްސަލަ ބަލައި ނިންމުމަށްފަހު، ޙަވާލާދީފައިވާ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ (2)، ތިންވަނަ ހަމައިގެ (1) އަދި ހަތަރުވަނަ ހަމައިގެ (5) އާ ތަކުރާރުކޮށް ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ (3)ގެ ދަށުން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި މި ބަޔާން 25 ޑިސެމްބަރ 2013ވާ ބުދަ ދުވަހުގެ ކުރިން އެއް ރޭ 08:00 އާއި 10:00އާ ދެމެދު ރާއްޖެ ޓީވީއިން ޢާންމުކުރުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ކަނޑައަޅައި، މި ކޮންޓެންޓްގެ ރިޕީޓް ބްރޯޑްކާސްޓްކުރާ ނަމަ ރިޕޯޓު އިސްލާޙުކުރުމަށްފަހު މެނުވީ ބްރޯޑްކާސްޓް ނުކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ(ގެ 1ގެ ދަށުން ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑްއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާތީ، އެ ވާހަކަ މަނިކުފާނުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.”