ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި، އެފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރުމަށް ހުރިހާ ރީބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި

February 10, 2019

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި، އެފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރުމަށް ހުރިހާ ރީބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު ނެރެފައިވާ ސަރކިއުލަރގެ މުހިންމު ބައިތަކެވެ.

“5 ފެބުރުވަރީ 2019 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ގަވާއިދު ނަންބަރު 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގައި، އެ ގަވާއިދަށް ޢަމަލުކުރަން ފެށި ތާރީޚުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ތިރީގައިވާ ކަންކަން ފުރިހަމަކުރުން ރީބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމްކޮށްފައިވެއެވެ.

  1. ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިއްސާދާރުންގެ މަޢުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުން؛
  2. ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގެ ލިޔުން؛
  3. ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން “މުޢާމަލާތްކުރާނެ އިސްފަރާތުގެ މަޢުލޫމާތު” ފޯމު؛
  4. ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުޢާމަލާތްކުރުމަށް ލައިސަންސް ލިބޭ ފަރާތުން ކަނޑައަޅައިފައިވާ ފަރާތް 14 (ސާދަ) ދުވަހަށްވުރެ ދިގުމުއްދަތަކަށް ދިވެހިރާއްޖެއިން ބޭރަށްދާނަމަ، ނުވަތަ އެ ފަރާތާ ގުޅޭ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ، އެ ބަދަލެއްގެ ތަފުސީލު;
  5. ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރީބްރޯޑްކާސްޓުގެ ޚިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިއްސާ ބަދަލުކޮށްފައިވާނަމަ، އެ ބަދަލެއްގެ ތަފުސީލު;
  6. ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންވެންޝަނަލް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގެ ތެރޭގައި ހިމެނޭ އެއްވެސް ޗެނަލެއް އުނިކޮށްފައިވާނަމަ، އެ އުނިކުރި ޗެނަލަކާބެހޭ މަޢުލޫމާތު؛
  7. ގަވާއިދުގެ 35 ވަނަ މާއްދާގައި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޭސިކް ޕެކޭޖާއި އެހެނިހެން ޕެކޭޖުތަކުގައި ހިމަނާ ޗެނަލްތަކުގައި، ޗެނަލުގެ ވެރިފަރާތުން ނުވަތަ ޗެނަލް ޑިސްޓްރިބިއުޓިންގ ރައިޓްސް ލިބިފައިވާ ފަރާތުން، އެ ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ދީފައިވާކަމުގެ ލިޔުން:”

ވީމާ ހުރިހާ ބްރޯޑްކާސްޓަރުން ވެސް މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.”