ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރުން

November 26, 2015

ސަރކިއުލަރ

ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރުން

މާލޭގައި ކުރިއަށްގެންދިއުމަށް ރާވަމުންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ޤައުމީ ސަލާމަތަށް ނުރައްކާވެ، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 55 ވަނަ މާއްދާއާ އެއްގޮތަށް މަދުވެގެން 60 ސިކުންތުގެ ލަސްކުރުމަކާއެކު ނޫންގޮތަކަށް މިފަދަ އެއްވުންތައް ލައިވްކޮށް ބްރޯޑްކާސްޓްނުކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ.

އަދި ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކުރާ ފަދައިން، މި ކޮމިޝަނުން އެކުލަވާލާފައިވާ “އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު”ގައި ބަޔާންކުރާ “އެކްރެޑިޓޭޝަން ކާޑް” ބޭނުންކުރުމަށާއި “މުޒާހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން” އާ އެއްގޮތަށް އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމެވެ.

އަދި ދަންނަވަމެވެ. ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ވެސް އެއްބާރުލުން ދެއްވުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

           26 ނޮވެމްބަރ 2015