ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްނުކުރުމަށް ކޮމިޝަނުން އަންގައިފި

November 4, 2015

ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ މިއަދު އިއުލާނުކުރައްވާފައިވާތީ، ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅޭގޮތުން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު، މިއަދު ބޭއްވުނު ޕްރެސް ކޮންފަރެންސްގައި އިއްވެވި ބަޔާނެވެ.

“ރާއްޖޭގެ ދެ ސަރަޙައްދަކުން ނުރައްކާތެރި ހަތިޔާރާއި ގޮވާ ތަކެތި ފެނިފައިވާތީއާއި، މީގެ ތެރެއިން ބައެއް ހަތިޔާރު އަދިވެސް މަދުވާ ކަމަށާއި، ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ބަޔަކު މަސައްކަތްކުރާކަމުގެ ކަށަވަރު މަޢުލޫމާތު ޤައުމީ ސަލާމަތީ ބާރުތަކަށް ލިބުމާ ގުޅިގެން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ މިއަދު އިއުލާނުކުރައްވާފައިވާތީ، ރާއްޖޭގެ ބްރޯޑްކާސްޓަރުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށާއި، މި ނުތަނަވަސް ހާލަތުގައި، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން، ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ސަބަބާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ހާމަކުރަންވާނީ ކަމާ ބެހޭ ރަސްމީ އިދާރާއަކުން ކަށަވަރުކުރުމަށްފަހުގައި ކަމުގައި މި ފުރުޞަތުގައި ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ.

އަދި ދަންނަވަމެވެ. ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ވެސް އެއްބާރުލުން ދެއްވުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ފިޔަވަޅު އަޅާނެ ކަމުގައި އަންގަމެވެ.”