މުޖްތަމަޢުގެ އަދަބު އަޚްލާޤުގެ ޢާންމު މިންގަނޑުތަކަށް ނުފެތޭ ބަހުރުވަ ބޭނުންކުރުން

July 21, 2011

ނޫސް ބަޔާން

  ދިއެފް.އެމް ރޭޑިއޯ އިން ފޮނުވުމުން “ދިއެފް.އެމް ވިޝުއަލް ރޭޑިއޯ” ގެ ނަމުގައި ދިޓީ.ވީ ން ލައިވްކުރި ޕްރޮގްރާމެއްގައި، މުޖްތަމަޢުގެ އަދަބު އަޚްލާޤުގެ ޢާންމު މިންގަނޑުތަކަށް ނުފެތޭ ދަށު ދަރަޖައިގެ ބަހުރުވަ ބޭނުން ކުރުން ތަކުރާރުވެފައިވާކަން މިކޮމިޝަނުން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމުގެ މަޤްޞަދުގައި މިކޮމިޝަނުން ވަނީ ބްރޯޑްކާސްޓަރުންނާ ބައްދަލުކޮށް، އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ އެއްބަސްވުމުގެ ހަތަރުވަނަ ޖަދުވަލުގައި ބަޔާންކުރާ ހަމަތަކާއި މިންގަޑުތަކަށް ފެތޭ އެއްޗަކަށް ވާންޖެހެއެވެ. އަދި ހަމަ މިއެއްބަސްވުމުގެ 15 ވަނަ މާއްދާގެ (މ) އާއި (ފ) ގައި މުޖުތަމަޢުގެ އަޚްލާޤީ މިންގަޑަށް ނުފެތޭ ބަސްތަކާއި، އިޝާރާތާއި ޙަރަކާތާއި ޢަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓްގެ ތެރޭގައި ހިމެނިގެން ނުވާނޭކަމަށް ބުނެފައި އޮތުމާއެކު، މިދެންނެވި ހަމަތަކަށް ނުފެތޭ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓްކުރާ ސްޓޭޝަންތަކުން ނުފޮނުވާތޯ ކަށަވަރުކުރުމަކީ ބްރޯޑްކާސްޓަރުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއްކަން ސާފުކޮށް އެގެއެވެެ.

ބްރޯޑްކާސްޓްްކުރުމުގެ އެއްބަސްވުމާއި އެއްގޮތަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް ޢަމަލުކުރޭތޯ ބެލުމަކީ މި ކޮމިޝަނުގެ ޒިންމާއެއް ކަމަށް ވާތީ، އެޑިޓޯރިއަލް ޕޮލިސީ ހަރުދަނާކޮށްގެން މި ދެންނެވި ހަމަތަކާއި އުސޫލުތަކަށް ފެތޭގޮތަށް ބްރޯޑްކާސްޓްކުރަން ދިއެފް.އެމް އާއި ދިޓީ.ވީއަށް މިހާރު ވާނީ އަންގާފައެވެ. އަދި މިކަން ވާނީ އެހެން ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް ގެނެސްފައެވެ.

21  ޖުލައި  2011