ބައެއް ރީބްރޯޑްކާސްޓަރުންގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާ މަޢާފުކުރުމާ ގުޅޭގޮތުން އޭޖީގެ ލަފަޔަކަށް އެދިއްޖެ

May 28, 2019

ބައެއް ރީބްރޯޑްކާސްޓަރުންގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދެވޭނޭ ޤާނޫނީ ހަމައެއް އޮތްތޯ ބައްލަވައި ދެއްވައި މި ކަމުގެ ލަފަޔަކަށް އެޓަރނީ ޖެނެރަލްގެ އަރިހުން އެދިއްޖެއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު އެޓަރނީ ޖެނެރަލްއަށް ފޮނުވާފައިވާ ސިޓީގެ މުހިންމު ބައިތަކެވެ.

“ރާއްޖޭގެ ރަށްރަށުގައި ލައިސަންސް ނެތި ނުވަތަ ޤަވާއިދާ ޚިލާފަށް އެކި ފަރާތްތަކުން ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލައާ ގުޅިގެން މި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި އެ ފަދަ ފަރާތްތަކާ މެދު އެޅޭނޭ ފިޔަވަޅެއްގެ ގޮތުގައި ޤަވައިދު ނަންބަރު: 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު) ގައި ބަޔާންކުރާ ޖޫރިމަނާ، ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 29 ފަރާތެއްގެ މައްޗަށް ވަނީ ކުރެވިފައެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުން ޖޫރިމަނާ ދައްކާފައިވާއިރު، 15 ފަރާތަކުން ވަނީ ޖޫރިމަނާ ނުދައްކައެވެ. އަދި ޖޫރިމަނާ ނުދައްކާ ހުރި ބައެއް ފަރާތްތަކުން އެ ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެދި މި ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެދި ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުން، އެ ފަރާތްތަކަކީ ރަށްރަށުގައި ކުދި ވިޔަފާރި ކުރާފަރާތްތަކެއްކަމާއި އެ ކުންފުނިތަކުގެ މާލީ ޙާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވާކަމާއި އިތުރު ފުރުޞަތެއް ދިނުމަށް އެދޭ ވާހަކަ ބަޔާންކޮށް ހުށަހަޅާފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް ކުންފުނިތަކުން، ޖޫރިމަނާ މަޢާފުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު މި ކޮމިޝަނަށް ލިބިފައިވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންގެ ފަރާތްޕުޅުންވެސް މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ ޖޫރިމަނާ މަޢާފުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިދިނުމަށް އެދި ކޮމިޝަނާ ހަމައަށް މި މައްސަލަ ހުށަހަޅުއްވާފައި ވެއެވެ. ވީމާ، މި ފަދަ ކުންފުނިތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި މި ކުންފުނިތަކަށް މި ދަތިކަމުން އަރައިގަތުމަށާއި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ޙަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށްޓަކައި އިތުރު ފުރުޞަތެއް ހޯދައިދިނުމަކީ މުހިއްމު ކަމެއްކަމަށް މި ކޮމިޝަނަށް ފެންނާތީ، މިހާތަނަށް ޖޫރިމަނާ ފައިސާ ދެއްކިފައި ނުވާ ފަރާތްތަކުގެ ޖޫރިމަނާ ޤާނޫނާއި ޤަވައިދުގެ ތެރެއިން މަޢާފުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް މި ކޮމިޝަނުން ބޭނުންވެއެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްދެއްވުމަށްފަހު، އިސްވެ ދެންނެވުނު ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދެވޭނޭ ޤާނޫނީ ހަމައެއް އޮތްތޯ ބައްލަވައި ދެއްވައި މި ކަމުގެ ލަފަޔަކަށް އެދި ދެންނެވީމެވެ.”