އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް ދި އެފް.އެމް ޕްލަސް އާއި ދިޓީވީ އަށް އަންގައިފި

February 12, 2014

ދި އެފް.އެމް ޕްލަސް އާއި ދިޓީވީން މިއަދު ހެނދުނު ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓްކޮށްފައިވާތީ، އެ މައްސަލަ ކޮމިޝަނުން ބަލައި ނިމެންދެން މި ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް އެ ދެ ސްޓޭޝަނަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވަމުން އަންނަ މި ދަނޑިވަޅުގައި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެ ދެ ސްޓޭޝަނަށް އަންގަވައި ނަސޭޙަތްތެރިވެވަޑައިގެންފައިވެއެވެ.