ރިޔާސީ އިންތިހާބު ނިމި، ހަލަބޮލިކަން ހަމައަކަށް އެޅެންދެން ވެސް، އިތުރު ހަމަލާއެއް ނުދެވޭނެ ގޮތަށް ރާއްޖެޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވައިދެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުލުހުންނަށް ދަންނަވައިފި

October 30, 2013

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމި، ޤައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް އެޅެންދެން ވެސް، އިތުރު ހަމަލާއެއް ނުދެވޭނެ ގޮތަށް ރާއްޖެޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވައިދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދަންނަވައިފި އެވެ.

ތިރީގައި މި ވަނީ މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ. މި ސިޓީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީletter footer އަށާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް ކޮޕީކޮށްފަ އެވެ.

“ރާއްޖެޓީވީ ހިނގަމުންދާ އިމާރާތް 07 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ ފަތިހު ރޯކޮށްލި ހާދިސާގެ ތަހްޤީޤު ނުނިމި އުޅެނިކޮށް އެ ސްޓޭޝަނަށް ހަމަލާ ދޭނެކަމުގެ އިންޒާރުތަކެއް އެކި ގޮތްގޮތުން އަނެއްކާވެސް ލިބެމުންދާކަމީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި އެ ސްޓޭޝަނަށް އަނެއްކާވެސް ހަމަލާ ދޭނެކަމަށް އިންޒާރު ދީފައިވާއިރު، މިކަމާ ކަންބޮޑުވެ ރާއްޖެޓީވީން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވި ސިޓީއަށް ދެއްވާފައިވާ ޖަވާބަކީ ވަގުތާއި ހާލަތަށް ބަލާއިރު އެންމެ އެކަށޭނަ ޖަވާބުކަމުގައި މިކޮމިޝަނަކުން ނުދެކެމެވެ. ސަބަބަކީ 07 އޮކްޓޯބަރ 2013 ގެ ހާދިސާވެސް ހިނގާފައިވަނީ އެފަދަ އިންޒާރުތަކެއް ރާއްޖެޓީވީއަށް ލިބޭކަމަށް ރާއްޖެޓީވީގެ އިތުރުން މި ކޮމިޝަނުންވެސް މަނިކުފާނުގެ ސަމާލުކަމަށް އެކަން ގެނެސްފައިވަނިކޮށް ކަމުގައި މި ކޮމިޝަނަށް ފާހަގަކުރެވޭތީއެވެ. ވީމާ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމި، ޤައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް އެޅެންދެން ވެސް، އިތުރު ހަމަލާއެއް ނުދެވޭނެ ގޮތަށް ރާއްޖެޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވައި ދެއްވުން އެދި ދަންނަވަމެވެ.

“ރާއްޖެޓީވީ ރޯކޮށްލި ހާދިސާގެ ތަހްޤީޤު އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންގޮސްދެއްވުމަކީ މި ކޮމިޝަންގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ތަހްޤީޤަށް ލިބޭ ކުރިއެރުންތައް ހަމަޖެހިފައި އޮންނަ އުސޫލުން މީޑިއާ އަށް ހާމަކޮށްދެއްވުމުގެ މުހިއްމުކަން ބޮޑު ކަމުގައިވެސް މި ކޮމިޝަނުން ދެކެމެވެ. މިފަދަ ތަހްޤީޤުތައް ނުނިމި ލަސްވަމުން ދިޔުމަކީ މީޑިއާގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް އޮތް ބިރެއް ކަމުގައިވެސް ފާހަގަކުރަމެވެ.

“ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް މި ކޮމިޝަނުން އެދެމެވެ.

“އަދި ދަންނަވަމެވެ. ރާއްޖެޓީވީ އަށް ދެމުންދާ އިންޒާރުތަކާ ބެހޭ ގޮތުން މަނިކުފާނާ މަޝްވަރާކޮށްލުމަށް ބޭނުންވާތީ އެފަދަ ފުރުސަތަކަށް އެދި 06 އޮކްޓޯބަރ 2013ގައި ދެންނެވުމުންވެސް މިހާތަނަށް އެފުރުސަތު ތަނަވަސްކޮށްދެއްވައިފައި ނެތުމުން މި ކޮމިޝަނުން ނުހަނު ހިތާމަކުރަމެވެ. ވީމާ ވެވަޑައިގެން އަވަސް ފުރުސަތެއްގެ ތެރޭގައި މަނިކުފާނުގެ އެޕޮއިންޓްމަންޓެއް ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ.”