ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ އަށް އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ދަންނަވައިފި

February 6, 2014

ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ އަށް އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަންނަވައިފި އެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

“ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ސިނާއަތް ކުރިއެރުވުމާއި ހަރުދަނާކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމެވެ. އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓްކުރުމުގެ ފުރުޞަތު 2007 ވަނަ އަހަރުގެ ތެރޭގައި ހުޅުވާލުމާ ހަމައިން ފެށިގެން މިހާތަނަށް އައިއިރު، 33 ފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް، މި ފަރާތްތަކުގެ ޚިދުމަތަކީ އެންމެ ޒިންމާދާރު ގޮތެއްގައި ދެވެމުންދާ ޚިދުމަތެކޭ ދެންނެވޭކަށް ނެތެވެ. މި ޚިދުމަތް އެންމެ އެދެވޭ ގޮތުގައި މުޖުތަމައުއަށް ފޯރައިފައިނުވާ އެންމެ ބޮޑު އެއް ސަބަބަކީ ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި މި ދާއިރާގެ ތައުލީމާއި ފަންނީ ތަމްރީނު ލިބިފައިވާ މީހުން މަދުކަމެވެ. މި ދެންނެވި މައްސަލަ ހައްލުކުރުމުގެ މަގުސަދުގައި މި ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް ހިމަނާފައިވާ މުހިއްމު އެއް ބަޔަކީ ބްރޯޑްކާސްޓަރުންނަށް ތައުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމެވެ. މި ގޮތުން ދައުލަތުގެ ބަޖެޓާއި ބޭރުގެ އެހީގައި މިފަދަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދެއެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން މި ކަމަށް ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން ތަމްރީނުގެ ފުރުޞަތުތައް ހޯދުމަށް ބަރޯސާވާންޖެހިފައި ވަނީ ބޭރުގެ ޖަމާއަތްތަކުން ހޯދާ އެހީގެ މައްޗަށެވެ.

“ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ މަނިކުފާނު ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެއިން ބޭރަށް ކުރައްވަން ފައްޓަވާފައިވާ ދަތުރުފުޅުތަކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިއެރުވުމަށް ބޭރުގެ އެހީ ހޯދުމަށް ހުޅުވިގެންދާ މުހިއްމު ދޮރެއް ކަމުގައި މި ކޮމިޝަނުން ދެކެއެވެ. މި ގޮތުން ކުރިއަށް އޮތް ތާނގައި ޖަޕާނާއި ޗައިނާއަށް މަނިކުފާނު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ތަކުގައި އެ ދެ ޤައުމުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިއެރުމަށް ލިބިދާނެ އެހީތަކަކީ ކޮބައިތޯ ބައްލަވައި ދެއްވުމަކީ މި ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެކެވެ. އެނގިވަޑައިގެންފައިވާނޭ ފަދައިން، ޖަޕާނާއި ޗައިނާއަކީ ޓެކްނޯލޮޖީ އާއި އުފެއްދުންތެރިކަމުގެ ގޮތުން ކުރިއަރާފައިވާ ދެ ޤައުމު ކަމަށް ވުމާ އެކު މި ދެ ޤައުމުންވެސް ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ތައުލީމާއި ތަމްރީނާއި އިކުއިޕްމަންޓްގެ ގޮތުން އެހީ ހޯދިދާނެ ކަމުގައި ދެކެމެވެ.

“ވީމާ، ޑިމޮކްރަސީގެ މުހިއްމު އަސާސެއް ކަމުގައިވާ މީޑިއާގެ ދައުރު، ޒިންމާދާރުކަމާއެކު ރާއްޖޭގައި ވެސް ކުރިއަށް ގެންދެވޭނޭ ގޮތްތައް ބައްޓަންކުރުމަށް ބޭނުންވާ މުހިއްމު އެއް ވަސީލަތަކީ މި ދާއިރާގެ މީހުން ބިނާކުރުން ކަމުގައި ވާތީ، މި ފަދަ ފުރުޞަތުތައް ބޭރުގެ އެހީގެ ތެރެއިން ހޯދުމުގައި މަނިކުފާނުގެ ދަތުރުފުޅުތަކުގައި މަސައްކަތް ކޮށްދެއްވާތޯ އެދި ދެންނެވީމެވެ.”