ރާއްޖެ ޓީވީން ފޮނުވި ޚަބަރެއްގެ މައްސަލަ އާއި ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓްގެ ބައެއް ޝަރީޢަތްތަކަށް ނުވައްދަން ނިންމި ކަމަށް ބުނާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި

March 9, 2015

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއި ކްރިމިނަލް ކޯޓުގެ ގާޒީއަކު 8 މާރިޗު 2015 ވަނަ ދުވަހުގެ ރޭ ކެފޭއެއްގައި ބައްދަލުކުރެއްވި ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރި ކަމަށް ބުނާ ޚަބަރުގެ މައްސަލަ އާއި، ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓްގެ ބައެއް ޝަރީޢަތްތަކަށް ނުވައްދަން އެ ކޯޓުން ނިންމި ކަމަށް ބުނާ މައްސަލައާ ގުޅިގެން ތިރީގައިވާ ގޮތަށް އަމަލު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

1. ޕީޖީ އާއި ކްރިމިނަލް ކޯޓުގެ ގާޒީއަކު ކެފޭއެއްގައި ބައްދަލުކުރެއްވި ކަމަށް ބުނާ ޚަބަރު ޕީޖީ ދޮގުކުރައްވާތީ، 8 މާރިޗު 2015 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ދޮގު ޚަބަރެއް ފެތުރި ކަމަށް ބުނާ މައްސަލަ ކޮމިޝަނުން އެޖުޑިކޭޓްކުރުން.

2. ޕީޖީ އާއި ކްރިމިނަލް ކޯޓުގެ ގާޒީއަކު ކެފޭއެއްގައި 8 މާރިޗު 2015 ވަނަ ދުވަހުގެ ރޭ ތިއްބަވަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން ނަގާފައިވާ ވީޑިއޯ ގަދަކަމުން ފުހެލި ކަމަށް ބުނާ މައްސަލަ، އަދި އެ މައްސަލާގައި ރާއްޖެ ޓީވީގެ ނޫސްވެރިން ޕޮލިހަށް ހާޒިރުކޮށް ވީޑިއޯ ފުހެލިކަން ކަށަވަރުކުރި ކަމަށް ބުނާ މައްސަލަ ބަލައި، މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރިތޯ ކޮމިޝަނުން ކަށަވަރުކުރުން. މި ކަމާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުގެ މައުލޫމާތު ހޯދުން.

3. ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓްގެ ބައެއް ޝަރީޢަތްތަކަށް ނުވައްދަން އެ ކޯޓުން ނިންމި ކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބަލައި، މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް ކޮމިޝަނުން މަސައްކަތް ކުރުން.