ރާއްޖެ ޓީވީގެ ކޮންޓެންޓަކާ ގުޅޭ މައްސަލަ ފުލުހުން ތަހްޤީޤު ކުރަނީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް، ރައީސް އޮފީހުން އިސްތިއުނާފު ކުރައްވާފައިވާ ރާއްޖެ ޓީވީގެ މައްސަލަ އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ދަންނަވައިފި

October 28, 2013

ރާއްޖެ ޓީވީގެ ކޮންޓެންޓަކާ ގުޅޭ މައްސަލަ ފުލުހުން ތަހްޤީޤު ކުރަނީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްތިއުނާފު ކުރައްވާފައިވާ ރާއްޖެ ޓީވީގެ މައްސަލަ އަނބުރާ ގެންދެވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ދަންނަވައިފި އެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަން އަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ. މި ސިޓީ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށާއި އެޓަރނީ ޖެނެރަލްގެ އޮފީހަށް ކޮޕީ ކުރައްވައިފަ އެވެ.

“މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް 2010/16 ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދައި، ބްރޯޑްކާސްޓް ކޮންޓެންޓާ ގުޅުން ހުރި މައްސަލަތައް ބެލުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން މިނިވަން 2 މުއައްސަސާއާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް 19 އޮކްޓޯބަރ 2013ގައި ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓެއްގެ މައްސަލަ ބެލުމަށް، މި ދެ ޤާނޫނު ފަހަނަޅައި، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ސުޕްރީމް ކޯޓުން އަމުރެއް ކުރައްވާފައިވާކަމީ އެކަމާ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ސުޕްރީމް ކޯޓުގައި ވާނީ ދަންނަވާފައެވެ. އަދި  ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅޭ މި މައްސަލަ ފުލުހުން ތަހްޤީޤު ކުރައްވަނީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ކަމަށް ވުމަކީ އެކަމާ މި ކޮމިޝަނުން އިތުރަށް ކަންބޮޑުވާ ކަމެއް ކަމުގައި ވެސް ފާހަގަކުރަމެވެ.

“އަދި މިމައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން މި ކޮމިޝަނަށް 21 އޮކްޓޯބަރ 2013ގައި ހުށަހެޅުއްވުމުން، އެމައްސަލަ މި ކޮމިޝަނުން ބަލަމުންދާކަން 24 އޮކްޓޯބަރ 2013ގައި ސުޕްރީމް ކޯޓަށް ދަންނަވާފައިވަނިކޮށް، އެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރެއް ކުރެއްވިކަމީ ޤާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ، ޑިމޮކްރެޓިކް މުޖުތަމައެއްގެ މައިގަނޑު އަސާސްތަކާ ޚިލާފު ކަމެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ.

“މަތީގައި ދަންނަވާފައިވާ މައްސަލަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން މި ކޮމިޝަނުން ބަލަމުންގެންދާތީ، މި މައްސަލަ ބެއްލެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރެއްވި އަމުރު ބާތިލްކުރައްވައި އެ މައްސަލަ އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި ކޮމިޝަނުން މިހާރު ވާނީ އިލްތިމާސް ދަންނަވާފައެވެ.

“އަދި ދަންނަވަމެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމު ކުރައްވާ އެކިއެކި މީޑިއާ އިވެންޓްތަކުން ރާއްޖެ ޓީވީ އެކަހެރި ކުރައްވާ ކަމުގެ މަޢުލޫމާތު މި ކޮމިޝަނަށް ލިބުމުން، އެކަން އެގޮތަށް ނުކުރައްވައި، މީޑިއާގެ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުސޫލުން ކަންތައްތައް ކުރެއްވުމަށް، މި ކޮމިޝަނުން ވާނީ މަނިކުފާނަށް ތަކުރާރުކޮށް އިލްތިމާސް ދަންނަވާފައެވެ. އަދި ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދެއްވާ މައްސަލާގައި އެފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރުމުގެ އުސޫލާ ޚިލާފަށް އަމަލުކުރާ ނަމަ އެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުގެ ޙައްގު ރައީސް އޮފީހަށް ލިބިގެންވާ ކަމަށާއި ރައީސް އޮފީހަކީ ވެސް ރައްޔިތުންނަށް ޚިދުމަތްކުރާ ތަނަކަށް ވާއިރު ރައީސް އޮފީހުން ވެސް އަމަލުކުރަންޖެހޭނީ ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާން ކުރައްވާ ރާއްޖެ ޓީވީއަށް އެއްބާރުލުން ދެއްވުމަށް ސިވިލް ކޯޓުން ހުކުމް ކުރެއްވުމާ ގުޅިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓްގައި އިސްތިއުނާފު ކުރައްވާފައިވާކަމީ މި ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ.

“ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓްގައި އިސްތިއުނާފު ކުރައްވާފައިވާ ރާއްޖެ ޓީވީގެ މައްސަލަ އަނބުރާ ގެންދަވައި، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތު ދެއްވައި، މީޑިއާއަށް މައުލޫމާތު ދެއްވުމުގައި ހުރިހާ ފަރާތެއް ހަމަހަމަ ކުރެއްވުމަށް މަނިކުފާނަށް އިލްތިމާސް ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.”