އެޗް.ޑީ އަދި އެސް.ޑީ ޗެނެލްތަކަށް ރައިޑިންގ ފީއެއްގެ ގޮތުގައި ނެގޭނީ އެއް އަގެއް ކަމުގައި ކޮމިޝަނުން ކަނޑައަޅައިފި

October 19, 2016

Logo-Featureރީބްރޯޑްކާސްޓިންގ ނެޓްވަކްތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ޗެނެލްތައް އެސް.ޑީ އަދި އެޗް.ޑީ ފޯރމެޓުގައި ދެއްކުމަށް ބްރޯޑްކާސްޓަރުންގެ އަތުން ނެގޭ ރައިޑިންގ ފީ އަކީ އެއް އަގެއް ކަމުގައި ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ކޮމިޝަނުން ގޮތަށް ނިންމީ، އެޗް.ޑީ ފޯމެޓްގައި ޗެނަލް ރައިޑްކުރުމަށް ނަގާ ފީ ބޮޑުކުރުމަށް މީޑިއާނެޓުން ހުށަހަޅާފައިވުމާއެކު، ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތެއްވެސް ފާހަގަކުރިގޮތުގައި އެޗް.ޑީ ފޯމެޓަކީ ޓެލެވިޜަންގެ ޚިދުމަތުގައި މިހާރު ބޭނުންކުރެވޭ ބޭސިކް ސްޓޭންޑަޑެވެ. އަދި ދުނިޔޭގެ ޓެކްނޯލޮޖީއަށް އަންނަ ހަލުވި ބަދަލުތަކަށާއި ގިނަ ޤައުމުތަކުން ޓެލެވިޜަންގެ ޚިދުމަތް ބޭނުންކުރާ ގޮތަށް އަންނަ ބަދަލުތަކަށާއި ރާއްޖޭގައި ބްރޯޑްކާސްޓިންގ ގެ ޚިދުމަތް ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު އެޗް.ޑީ ފޯމަޓެކީ ރާއްޖޭގައި ވެސް އާއްމުކޮށް ބޭނުންކުރާނޭ ސްޓޭންޑަޑްކަމުގައި ކޮމިޝަނުން ވެސް އިއްތިފާޤުވެއެވެ.

މަތީގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެސް.ޑީ ޗެނަލާއި އެޗް.ޑީ ޗެނަލް ރައިޑްކުރުމަށް އަގުގެ ތަފާތެއް ގެންނަން ނުފެންނަކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމިޝަނުން މިކަން މިގޮތަށް ނިންމުމާއެކު، މީޑިއާނެޓް ނެޓްވާރކްގައި ބްރޯޑްކާސްޓަރުންގެ ޗެނަލްތައް އެސް.ޑީ އަދި އެޗް.ޑީ ފޯރމެޓުގައި ދެއްކުމަށް ރައިޑިންގ ފީ ގެ ގޮތުގައި ނެގޭނީ 2014 ވަނަ އަހަރު ކޮމިޝަނުން ރައިޑިންގ ފީ ގެ ގޮތުގައި ފާސްކޮށްފައިވާ ކަނެކްޝަންއަކުން ގިނަވެގެން 4 (ހަތަރެއް) ރުފިޔާގެ ރޭޓުގައެވެ.