ރާއްޖޭގެ ބްރޯޑްކާސްޓަރުން ތަމްރީނު ކުރުމަށް އެހީތެރިވެދެއްވާނެ ކަމުގައި ޗައިނާގެ މީޑިއާ ވައިސް މިނިސްޓަރ ވިދާޅުވެއްޖެ

November 8, 2016

feature-sppafrtރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމުތައް ޗައިނާގައި ހިންގުމަށް އެހީތެރިވެދެއްވާނެ ކަމުގައި ޗައިނާގެ މީޑިއާ ވައިސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ބްރޯޑްކާސްޓިންގ އާއި މީޑިއާގެ ސިނާއަތް ތަރައްޤީވަމުން އަންނަ ގޮތާއި ޓެކްނޮލޮޖީގެ ރަސްމަގުގައި ހޯދައިފައިވާ ކުރިއެރުމުގެ ފައިދާ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ގެނެވޭނެ ގޮތްތައް ހޯދުމަށް ޗައިނާގެ މީޑިއާގެ އިސް މަސްއޫލުވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްޓަކައި، ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިހާރު ބީޖިން އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަފުދާ އެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައި، ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ޕްރެސް، ޕަބްލިކޭޝަން، ރޭޑިއޯ، ފިލްމް އެންޑް ޓެލެވިޜަންގެ ވައިސް މިނިސްޓަރ ޓިއާން ޖިން ވިދާޅުވި ގޮތުގައި، ރާއްޖެ ތަރައްޤީގެ މަގުގައި ކުރަމުންދާ ގިނަ މަސައްކަތްތަކުގައި އެއްބާރުލުމާއި އެހީތެރިކަން ޗައިނާ ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ވެސް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެ، ދިވެހި ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމުތަކުގެ އިތުރުން، ކޮންމެ އަހަރަކުވެސް ޗައިނާގައި ބާއްވާ މީޑިއާ ފޯރަމްތަކާއި، ސެމިނަރ އަދި ވާރކްޝޮޕްތަކުން ވެސް ދިވެހި ނިއުސް އެޑިޓަރުންނަށާއި ފަންނީ މުވައްޒަފުންނަށް ފުރުސަތު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވި ގޮތުގައި، ތަޖުރިބާ ހުރި ފަންނީ މީހުން ނެތުމަކީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންކަމުން ދިވެހި ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ފަންނީ ތަމްރީނު ޕްރޮގްރާމުތައް ޗައިނާ ސަރުކާރުގެ އެހީގައި ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވީތީ ވައިސް މިނިސްޓަރަށް ޝުކުރު އަދާކުރައްވައި، ޗައިނާ ސަރުކާރުން ރާއްޖޭގެ އެކި ދާއިރާތަކުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ވެސް ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ޚުލާސާ އަކާއި، އެ ދާއިރާގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވައި، އަދި ދިމާވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް ވައިސް މިނިސްޓަރާ ޙިއްސާކުރެއްވިއެވެ.

އަދި މިހާރު ބީޖިން އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަފުދަށް ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ ޚާއްސަ މެހެމާންދާރީ ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ކޮމިޝަންގެ ރައީސް ދެންނެވި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަފުދު މިއަދު މެންދުރުފަހު ވަނީ ޗައިނާ ރޭޑިއޯ އިންޓަރނޭޝަނަލް (ސީ.އާރ.އައި) އަށް ޒިޔާރަތްކުރައްވައި، އެތަނުގެ ސްޓޫޑިއޯތަކުގެ މަސައްކަތްތަކާއި ޓެކްނިކަލް މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދައިވައިފަ އެވެ.

ޗައިނާ ރޭޑިއޯ އިންޓަރނޭޝަނަލަކީ ދުނިޔޭގެ ތަފާތު 65 ބަހަކުން ރޭޑިއޯ، ޓީވީ، ނޫސް އަދި އިންޓަނެޓް މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު 24 ގަޑިއިރު ފޮނުވަމުންދާ، 75 އަހަރު ވެފައިވާ ސްޓޭޝަނެކެވެ.

ޗައިނާ ދަތުރުގައި ބައިވެރިވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ނައިބު ރައީސް މުހައްމަދު އަސްލަމާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު އިއްޒަތާއި، ކޮމިޝަނަރ ޙަސަން ނަބާހާއި، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި، ކޮމިޝަނަރ އިސްމާޢީލް ސަފްވާނާއި ކޮމިޝަންގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަހުމަދު އަރުޝަދު އަލީއާ ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާ އެވެ.