ސީޝެލްސްގެ މީޑިއާ ކޮމިޝަނުގެ ސީއީއޯ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފި

January 27, 2014

ސީޝެލްސްގެ މީޑިއާ ކޮމިޝަނުގެ ޗެއަރޕާސަން އަދި ސީއީއޯ އިބްރާޙިމް އަފީފް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ރައީސް އިބްރާހިމް އަފީފަކީ އައްޑު އަތޮޅުގެ ޝަހުސިއްޔަތެއް ކަމުގައިވާ އަބްދުﷲ އަފީފްގެ ދޮށީ ދަރިކަލުންނެވެ. ސީޝެލްސްގައި ދިރިއުޅުއްވާތާ 50 އަހަރު ވެފައިވާ އިބްރާހިމް އަފީފު، ސީޝެލްސްގެ މީޑިއާ ކޮމިޝަނުގެ ސީއީއޯގެ މަގާމާ 2009 ގައި ހަވާލުވުމުގެ ކުރިން އޭނާ ވަނީ ސީޝެލްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު 17 އަހަރު ވަންދެން އަދާކުރައްވައިފަ އެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ރައީސް އިބްރާޙިމް އަފީފް އަށް މަރުހަބާ ދަންނަވައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު މިއަދު ދެއްކެވި ވާހަކަފުޅުގައި ޗުއްޓީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވަމުން މި ކޮމިޝަނަށް ޒިޔާރަތްކުރެއްވީތީ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީ އާއި ތަމްރީން ޕްރޮގްރާމްތަކަށް ސީޝެލްސް މީޑިއާ ކޮމިޝަނުގެ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

މިއަދު އޮތް ބައްދަލުވުމުގައި ކޮމިޝަނުގެ މަސައްކަތްތަކާ އަދި ކޮމިޝަނުގެ ތައާރަފެއް ދެއްވީ ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް ސެކްޝަނުންނެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ރައީސް އިބްރާޙިމް އަފީފަށް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ހަނދާނީ ފިލައެއް އަރުއްވާފައެވެ.