ބްރޯޑްކާސްޓް ކޮމިޝަނުން ޝަކުވާ ބަލާ ފިޔަވަޅު އަޅުމުގެ އިޖުރާތު ތަކާއި ގުޅޭ ގޮތުން މީޑިއާ އަށް މަޢުލޫމާތު ދެއްވައިފި

April 17, 2014

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޝަކުވާ ބަލާ ފިޔަވަޅު އަޅުމުގެ އިޖުރާތު ތަކާއި ގުޅޭ ގޮތުން މީޑިއާ އަށް މަޢުލޫމާތު ދެއްވައިފިއެވެ.

މި ނިއުސް ކޮންފަރެންސް ބޭއްވީ މީޑިއާ ގައި ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ މެދު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން އޮޅުން އަރާފަދަ ގޮތަކަށް ވާހަކަ ދެކެމުން ދާތީއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް ފިޔަވަޅު އަޅަނީ ކޮމިޝަނުން އެކުލަވާލާފައިވާ ފިޔަވަޅު އެޅުމުގެ އިޖުރާތުގެ ދަށުން ކަމުގައެވެ.

މިއަދު ގެ ބައްދަލުވުމުގައި މީޑިއާ މަޢުލޫމާތު ދެއްވީ ކޮމިޝަނަރުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނާސިޙް އެވެ. ނާސިޙް ވިދާޅުވީ ކޮމިޝަނުން އެކުލަވާފައިވާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތަކުގައި ބްރޯޑްކާސްޓަރުންނަށް ފިޔަވަޅު އަޅާ އިޖުރާތުގައި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި ޤަވާއިދާއި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ބްރޯޑްކާސްޓަރަކު ޚިލާފުވާ މިންވަރެއް ދެނެގަތުމަށާއި އެ ފަރާތަކަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލައިފައިވާ އިޖުރާތެކެވެ. އަދި މި އިޖުރާތު ކަރުދާހުގައި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުން ގިންތިކޮށް ދަރަޖަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އަދި މި ބައްދަލުވުމުގައި މިހާރު މީޑިއާގައި ވާހަކަދެކެވޭ، ބްރޮޑްކާސްޓާރަކާއި މެދު ކޮމިޝަނާއި ފިޔަވަޅު އަޅާފައިވާ ގޮތުގެ ތަފްޞީލް ކޮމިޝަނުން ވަނީ މީޑީއާއާ ހިއްސާކޮށް އެފަރާތުގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.