ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-03/2017)

July 25, 2017

ޝަކުވާ ނަމްބަރު: CAC-03/2017

ޝަކުވާ ހުށެހެޅި ތާރީޙް: 05 އެޕްރީލް 2017

ހުލާސާ: މިއީ، 4 އެޕްރީލް 2017ގައި ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖްލިސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޓީ.ވީ.އެމް އިން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ރިޔާއަތްކުރާއިރު، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު ލިބެންޖެހޭ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ދީފައިވާކަމާއި؛

މައްސަލައިގެ ތަޙްޤީޤުގައި މައްސަލައިގައި ބަޔާންކޮށްފައިވާ ތުހުމަތާ ގުޅިގެން، 4 އެޕްރީލް 2017ވަނަ ދުވަހުގެ ރޭ 21:00 ން 21:23އަށް ޓީ.ވީ.އެމް އިން ލައިވްކޮށް ގެނެސްދިނުމުގައި އުމަރު ނަސީރުގެ މައްޗަށް ތުހުމަތުތަކެއްކޮށް މީހަކު ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި އަދި އެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައިވާކަން ޕަބްލިކް ސަރވިސް މީޑިއާގެ ނަމްބަރ: PSM-HL/427/2017/11 (08 މޭ 2017) ސިޓީގައިވެސް ބަޔާންކޮށްފައިވުމާއި،

“އަބުރާބެހުމުގެ ބަހަކީ މީހަކަށް ނިސްބަތްކޮށް ދައްކާ ވާހަކައެއް ނުވަތަ ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް ނުވަތަ ތަސްވީރެއް، ކުރާ އިޝާރާތެއް ނުވަތަ ދައްކާ ހަރަކާތެއް، އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ ނަމަށް ނުވަތަ އިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބޭނެފަދަ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، އިހުސާސްކުރެވިގެން ނުވަތަ ސިފަކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް، އިޝާރާތެއް، ހަރަކާތެއް ނުވަތަ އަޑެއް؛” ކަން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10ވަނަ މާއްދާގެ (ހ)ގެ 1 ގައި ބަޔާންކުރާކަމާއި؛

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10ވަނަ މާއްދާގެ (ބ) “އަބުރާ ބެހުމުގެ ޢަމަލުކަމުގައި ވާނީ، މިޤާނޫނުގައި އަބުރާބެހުމުގެ ބަސްކަމުގައި ބަޔާންކޮށްފައިވާ އެއްޗެއް ބުނުން، ލިޔުން، ކުރެހުން، މަންޒަރެއް ހެދުން، ޢިޝާރާތެއް ނުވަތަ ޙަރަކާތެއްކުރުން، އަޑެއްލެއްވުން ނުވަތަ އެފަދަ އެއްޗެއް ޝާއިޢުކުރުން ނުވަތަ ބްރޯޑްކާސްޓްކުރުމަށެވެ.” މިހެން އެ ޤާނޫނުގައި ބަޔާންކުރާކަމާއި؛

މައްސަލައާ ގުޅުންހުރި ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށްވާތީ، އެ ކޮންޓެންޓް މެދުކަނޑާލާނެ ފުރުސަތެއް ޕަބްލިކް ސަރވިސް މީޑިއާއަށް ލިބިފައެއްނުވާކަމާއި ލައިވް އިވެންޓް ކުރިއަށްދިޔައިރު، އަދި އެ އިވެންޓް ނިމުމަށް ފަހުވެސް، ޙަވާލާދެވުނު ކޮމިޝަންގެ ސިޓީގައި ފާހަގަކުރައްވާފައިވާ ބަސް ރައްދުވި ފަރާތުން ނުވަތަ އެނޫންވެސް ފަރާތަކުން އެ މީޑިއާއަށް ނުވަތަ ޓީ.ވީ.އެމް އަށް އެއްވެސް ޝަކުވާއެއް އަދި މައްސަލައެއްވެސް ހުށަހަޅާފައި ނެތްކަމަށް ޕަބްލިކް ސަރވިސް މީޑިއާއިން މި މައްސަލައިގައި ޖަވާބުދާރީވެ ފޮނުވި ސިޓީގައި ބުނެފައި ވީ ނަމަވެސް، އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގައި، “ބްރޯޑްކާސްޓް ކުރުމަށް ރާއްޖޭގައި އުފެއްދޭ ޕްރޮގުރާމްތައް ހުންނަންވާނީ މި ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ފެތޭގޮތަށް ތައްޔާރުކުރެވިފައި” ކަމަށް ބަޔާންކޮށްފައި ވުމާއި، އަދި ކޮންޓެންޓްގެ ލައިވް ފީޑް މެދުކަނޑާލުމަށް އެދި ޕަބްލިކް ސަރވިސް މީޑިއާއަށް ޝަކުވާއެއް ހުށަހަޅާފައި ނުވުމަކީ އެ ކޮންޓެންޓެއްގެ މައްސަލަ ފަހުން ނުބެލޭނޭ ޤާނޫނީ ހަމައެއް އޮތްކަމެއް ކަމަކަށް މި ކޮމިޝަނަށް ނުފެންނަކަމާއި،

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 27ވަނަ މާއްދާ “ބްރޯޑްކާސްޓްކުރާ ކޮންޓެންޓަށް ޒިންމާވުން” ގެ ދަށުން ޓީ.ވީ.އެމް އިން ގެނެސްދިން ލައިވް އިވެންޓްގައިވާ އަބުރު ރައްކާތެރިކށްދިނުމާއި ޚިޔާލު ފާޅުކުމުގެ މިނިވަންކަމުގެ ޤާނޫނުގެ މާއްދާތަކާއި ޚިލާފު ވެފައިވާ ކޮންޓެންޓަށް ޒިންމާވާން ޖެހޭނޭކަން ފާހަގަކުރަމެވެ.

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު،4 އެޕްރީލް 2017ގައި ބޭއްވި ޕީޕީއެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، ހ. ދޮންޖޭމުގޭ އުމަރު ނަސީރުގެ އަބުރަށް އަރައިގަނެ ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޓީ.ވީ.އެމް އިން ފޮނުވާފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ޕަބްލިކް ސަރވިސް މީޑިއާގެ ނަންބަރު: PSM-HL/427/2017/11 (08 މޭ 2017) ސިޓީއިން އިޢުތިރާފްވެފައިވާތީއާއި، އެކޮންޓެންޓްގެ ދިފާއުގައި ޤާނޫނީ އެއްވެސް ހުއްޖަތެއް އެމީޑިޔާއަށް ދެއްކިފައި ނުވާތީ، އެ ކޮންޓެންޓްއަކީ ޤާނޫނު ނަމްބަރު 2016/15 (އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާ އަދި ހަވަނަ ބާބު (މީޑިއާ ތަކުގެ ޒިންމާ) ގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ ހަމަތަކާ ޚިލާފުވާ ކޮންޓެންޓެއްކަމަށް ކަނޑައަޅައި، އަދި މިއީ އެ ޤާނޫނުގައި ހުއްދަކުރާ އިންތަކާ ޕަބްލިކް ސަރވިސް މީޑިއާ ޚިލާފްވާ ފުރަތަމަ ފަހަރުކަމަށްވާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް މި އުސޫލުގެ 10ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ -/200,000ރ. (ދެ ލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ނިންމައި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ޕަބްލިކް ސަރވިސް މީޑިއާއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

25 ޖުލައި 2017