މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެމް.އޯ.ޔޫ އެއްގައި ސޮއި ކުރުމުގެ މަރުހަލާގައި

August 8, 2011

ނޫސް ބަޔާން

ރާއްޖޭގެ ޓީވީ ތަކާއި ރޭޑިއޯތަކުން ބްރޯޑްކާސްޓް ކުރާ ކޮންޓެންޓާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށަހެޅޭ މައްސަލަތަކުގައި، ބްރޯޑްކާސްޓް މީޑިއާގެ ފަރާތްތައް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހާޟިރު ކުރުމުގެ ބަދަލުގައި، ފުރަތަމަ އެ މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ހިއްސާކޮށް، ދެފަރާތް ގުޅިގެން މިފަދަ މައްސަލަތައް ޙައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މި ކޮމިޝަނާއެކު މިއަދު ވަނީ މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވިފައެވެ. އަދި މިފަދަ މައްސަލަތައް ޙައްލުކުރުމުގެ ކަންތައް ކުރިޔަށްގެންދާނެ ގޮތަކާމެދު މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މި ކޮމިޝަނާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެދުމަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަޞީޙް ވިދާޅުވީ، ޒިންމާދާރު ގޮތުގައި ބްރޯޑްކާސްޓް ކުރުމަކީ، ކޮންމެ ބްރޯޑްކާސްޓަރަކު ވެސް ޤައުމަށްޓަކައި އެންމެ އިސްކޮށް އަދާކުރަންޖެހޭ ޒިންމާ ކަމަށާއި، އެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭ ފަހަރުތަކުގައި އެކަމުގެ ސަބަބުން މުޖްތަމަޢުގައި ވަރަށް ބޮޑެތި މައްސަލަތައް އުފެދެމުންދާ ކަމަށެވެ. އަދި މީޑިއާގެ ފަރާތްތައް ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ނުވަތަ ހައްޔަރު ކުރުމަކީ، މޯލްޑިވްސް ޕޮލިސް ސާރވިސް އިން އެއްވެސް ހާލެއްގައި ކުރަން ބޭނުން ކަމެއް ނޫން ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަޞީޙް ވިދާޅުވިއެވެ.

އެކިއެކި މައްސަލަތަކުގައި ބްރޯޑްކާސްޓަރުން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ޙާޟިރުކޮށް، ތަޙުޤީޤު ކުރައްވަމުން ގެންދަވާތީ، އެއީ ބްރޯޑްކާސްޓަރުންނާއި މި ކޮމިޝަނުން ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަހީބު މި ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވުމުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ފުލުހުންގެ އިދާރާއަށް ޝުކުރު ދެންނެވިއެވެ.

08 އޮގަސްޓް   2011