ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފި

October 18, 2016

sey-dhiraaguސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒިޔާރަތްކުރައްވާ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފަކީ އައްޑު އަތޮޅުގެ ޝަޚުސިއްޔަތެއް ކަމުގައިވާ ޢަބްދުﷲ ޢަފީފުގެ ދޮށީ ދަރިކަލުންނެވެ. ސީޝެލްސްގައި ދިރިއުޅުއްވާތާ 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިބްރާޙީމް އަފީފު، ސީޝެލްސްގެ މީޑިއާ ކޮމިޝަނުގެ ސީއީއޯގެ މާޤާމާ 2009ގައި ހަވާލުވުމުގެ ކުރިން، ސީޝެލްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މާޤާމު 17 އަހަރު ވަންދެއް އަދާކުރައްވާފައި ވެއެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފަށް މަރުހަބާ ދަންނަވައި، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު މިއަދު ދެއްކެވި ވާހަކަފުޅުގައި 2014 ވަނަ އަހަރު ވެސް އިބްރާޙީމް އަފީފު ކޮމިޝަނަށް ޒިޔާރަތެއް ކުރެއްވިކަން ފާހަގަކުރައްވައި، މިއަދުވެސް ކޮމިޝަނަށް ޒިޔާރަތްކުރެއްވީތީ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ. އަދި ސީޝެލްސް މީޑިއާ ކޮމިޝަނުން އިންތިޒާމް ކޮށްގެން ނޮވެމްބަރު 2014 ގައި ސީޝެލްސްގެ މާހޭގައި ބޭއްވި އެޑިޓަރސް ފޯރަމްގައި ބައިވެރިވުމަށް ދަޢުވަތު ދެއްވައި އަދި ފޯރަމްގައި ދެއްވި މެހެމާންދާރީއަށްވެސް ކޮމިޝަންގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ދެ ޤައުމުގެ މީޑިއާގެ ޙާލާތާއި، ހުރި ގޮންޖެހުންތަކާއި ދައިރާގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ކޮމިޝަނުގެ ތަޢާރަފާއި ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް މި ބައްދަލުވުމުގައި ހުށަހެޅިއެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފު މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ރާއްޖެ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކުރައްވައި، ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް އެކަށައަޅާފައިވާ ގަވާއިދާއި، ކޯޑް އޮފް ޕްރެކްޓިސްއާއި އަދި ގައިޑްލައިންތައް، ސީޝެލްސްގެ މީޑިއާގެ ތަރައްޤީއަށް ވެސް ބޭނުންތެރި އަދި ފައިދާ ހުރި ގޮތަށް ބައްޓަންކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމަށްފަހު، ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފުގެ ޝަރަފުގައި ކޮމިޝަންގެ ރައީސް ދެއްވި ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއް ބަނޑޮސް އައިލަންޑް ރިޒޯޓުގައި އޮތެވެ.