ބައެއް މުވައްސަސާތަކުގެ ވެރިންގެ ފޮޓޯ ޗެނަލްތަކުން ދައްކާ މައްސަލަ ކޮމިޝަނުން ބަލައި ނިމެންދެން މިފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އަންގައިފި

September 26, 2013

ބައެއް މުވައްސަސާތަކުގެ ވެރިންގެ ފޮޓޯ، ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓްކުރަނީ އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބި، ޤައުމުގެ މަސްލަހަތު ގެއްލެމުންދާ ގޮތަށް ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ، އެ މައްސަލަތައް ކޮމިޝަނުން ބަލައި ނިމެންދެން މިފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފި އެވެ.

ތިރީގައި މި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސޮއިކުރައްވައި މިއަދު ނެރުއްވި “ބްރޯޑްކާސްޓަރުންނަށް އަންގާ އެންގު”މެވެ.

“ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ ފޮޓޯ ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓްކުރަނީ، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބި، ޤައުމުގެ މަސްލަހަތު ގެއްލެމުންދާ ގޮތަށް ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ އެކަން މި ކޮމިޝަނުން މިދަނީ ބަލަމުންނެވެ. ވީމާ، މި މައްސަލަތައް ބަލައި ނިމެންދެން މިފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އަންގަމެވެ.

“އަދި ދަންނަވަމެވެ. ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވަމުންދާ މިފަދަ ދަނޑިވަޅެއްގައި، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ. މިއާ ޚިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.