ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-01/2020)

March 19, 2020

ޝަކުވާ ނަމްބަރު: SPCOM-01/2020

ޝަކުވާ ހުށަހެޅި ތާރީޙް: 19 މާރިޗް 2020

ހުލާސާ: މިއީ، ދިވެހި ދައުލަތުން ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތު އިޢުލާނުކޮށްފައިވަނިކޮށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން 19 މާރިޗް 2020ގެ 00:00 ހާއިރު ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި؛ މިގޮތުން؛

ކޮމިޝަނުގެ ނަންބަރު SPCOM-01/2020 މައްސަލައާއި ގުޅިގެން، 19 މާރިޗު 2020 ގައި ބޭއްވި ބައްދަލުވުމުގައި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި “މަޑިސީލަ” ޕްރޮގްރާމުގައި ކޮވިޑް 19 އާ ބެހޭގޮތުން ގެނެސްދީފައިވާ މައުލޫމަތާކީ، މުޢުތަބަރު ފަރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މައުލޫމާތެއްކަމަށް ބުނެފައި ވީނަމަވެސް،

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން މި ކޮމިޝަނުން
31 ޖަނަވަރީ 2020 ގައި ނެރެފައިވާ ނަންބަރު: 427-BUR/CIR/2020/2  ގެ ސަރކިއުލަރ އާއި ރާއްޖޭގައި މިހާރު އިއުލާނު ކުރެވިފައިވާ ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، 09 މާރިޗު 2020 ގައި ނެރެފައިވާ ނަންބަރު: 427-BUR/CIR/2020/4 ގެ ސަރކިއުލަރ އަދި 16 މާރިޗު 2020 ގައި ނެރެފައިވާ ނަންބަރު:
427-BUR/CIR/2020/8 ގެ އެޑްވައިޒަރީ ގައި ބަޔާންކޮށްފައިވާ ގޮތުން މިހާލަތުގައި މަޢުލޫމާތު ގެނެސްދިނުމުގައި ބޭނުންކުރަންވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ޞައްޙަ މަޢުލޫމާތުތަށް ކަމަށް ބަޔާންކޮށްފައިވާއިރު، ޗެނަލް 13 އިން 19 މާރިޗް 2020ގެ 00:00 ހާއިރު ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ގެނެސްދީފައިވާ މަޢުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މަޢުލޫމާތެއްކަމަށް ބެލެވެންނެތަތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ 4 ވަނަ ނަންބަރު އާ ޚިލާފުވާކަމެއް ކަމަށް ކަނޑައަޅައި، “ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް” ގެ 7 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ “މަޑިސީލަ” ޕްރޮގްރާމް، މިއަދުން ފެށިގެން ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށާއި މިދެންނެވި މުއްދަތުގައި ރާއްޖޭގެ އާންމު ސިއްޙީ ނުރައްކަލުގެ މިޙާލަތުގައި ކޮވިޑް 19 އާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މަޢުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

19 މާރިޗް 2020