ތައި.ޕީ.ބީ.އެސްގެ އެޓޭޗްމަންޓް ޕްރޮގްރާމުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

July 23, 2013

ތައިލޭންޑްގެ ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރ  (ތައި.ޕީ.ބީ.އެސް) ގެ އެޓޭޗްމަންޓް ޕްރޮގްރާމުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުން ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.

ބްރޯޑްކާސްޓް އިންޑަސްޓްރީގައި މަސައްކަތްކުރައްވާ ޓެކްނިކަލް މުވައްޒަފުންނަށް އަމާޒުކޮށްގެންތައި.ޕީ.ބީ.އެސްގެ ޓެކްނިކަލް ފަރާތްތަކާ އެކު މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ހިންގުމަށްހަމަޖެހިފައިވާ މި ޕްރޮގްރާމްގެ މުއްދަތަކީ 10 ދުވަހެވެ. އަދި ޕްރޮގްރާމް ހިންގުމަށް ކަނޑައެޅިފައިވަނީ މިއަހަރު ތެރޭގައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޮނުވާ ފަރާތުގެ ޓިކެޓާއި އެކޮމޮޑޭޝަން ހަމަޖައްސަންޖެހެނީ ބައިވެރިވާ ފަރާތުންނެވެ. އެހެންވެ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ވަނަވާރާއި އެހެނިހެން ލިޔެކިޔުންތައް 04 އޯގަސްޓް 2013 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން  ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށެހެޅުމަށް ކޮމިޝަނުން އާޢްމުކޮށްފައިވާ އިޢުލާނުގައިވެއެވެ.

ތރީގައި މިވަނީ މިކަމާއި ގުޅިގެން ކޮމިޝަނުން އާޢްމުކޮށްފައިވާ އިޢުލާނެވެ.

    ތައިލަންޑްގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ (ތައި ޕީ.ބީ.އެސް) ގެ އެޓޭޗްމަންޓް ޕްރޮގްރާމުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ތައިލަންޑްގެ ޕަބްލިކް ސަރވިސް ބްޜޯޑްކާސްޓަރ (ތައި. ޕީ.ބީ.އެސް)ގެ އެޓޭޗްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ޓެކްނިކަލް ފަރާތްތަކަށް ވަނީ ލިބިފައެވެ.

މިގޮތުން، ރާއްޖޭގެ ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުގައި މަސައްކަތްކުރަމުންދާ އެންމެހައި ޓެކްނިކަލް މުވައްޒަފުންނަށް މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މި އެޓޭޗްމަންޓް ޕްރޮގްރާމްގެ މުއްދަތަކީ 10 ދުވަހެވެ އަދި މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައި ވަނީ 2013 ވަނަ އަހަރުގައެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ތައި. ޕީ.ބީ.އެސްގެ ޓެކްނިކަލް ފަރާތްތަކާއި އެކު މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތުލިބޭނެއެވެ.

މި ޕްރޮގްރާމަށް ހިނގާނެ އެންމެހައި ޚަރަދެއް ކުރަން ހަމަޖެހިފައިވަނީ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތުން ކަމުގައިވެސް ދަންނަވަމެވެ.  ވީމާ، މި ޕްރޮގްރާމަށް ކުރިމަތިލުމަށް ތިޔަ ފަރާތުން ޝައުޤުވެރިވެ ލައްވާނަމަ، އަންނަނިވި ލިޔެކިޔުންތައް 04 އޯގަސްޓް 2013 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުމަށް އެދިދަންނަވަމެވެ.

  1. އައި.ޑީ ކާޑުގެ ކޮޕީ،
  2. ވަނަވަރު،
  3. މަސައްކަތްކުރާ ސްޓޭޝަނުންދޭ ރިކޮމެންޑޭޝަން ލެޓަރ،
  4. މި ޕްރޮގްރާމްގައި އަމިއްލައަށް ފަންޑުކުރާގޮތަށް ބައިވެރިމުމަށް އެދި ހުށަހަޅާ ސިޓީ