ސަމަރުބުލޫ އިބްރާހިމް މަނިކުގެ ތައުބީނުގެ ޖަލްސާ ބާއްވައިފި

October 24, 2023

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވެވި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ރޭ  އިސްލާމީ މަރުކަޒުގައި ތަޢުބީނުގެ ޖަލްސާއެއް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އިންތިޒާމްކޮށްފިއެވެ.

ޖަލްސާ ތަޢާރަފްކުރައްވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވީ ސަމަރު ބްލޫ އިބްރާހިމް މަނިކަކީ އިތުރު ތައާރަފެއް ދިވެހީން ބޭނުން ނުވާ، ޓީވީއާއި ރޭޑިއޯގެ އަހުލުވެރިން އެއަޑަކަށް ކޮންމެ ދުވަހަކު އިންތިޒާރުކުރައްވާ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީކުރެއްވުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވާފައިވާ އެއް ތަނބުކަމަށެވެ. ހަމައެހެންމެ ޒަމާނީ ވައްޓަފާޅިއަށް އަޑުގެ ޕްރޮގްރާމްތައް ބަދަލުކުރައްވައި، އާންމު ރަށްވެހީންގެ އަޑު ގެނެސްދިނުމަށް ޚާއްސަ އިސްކަމެއް ދެއްވިކަމަށް ފާހަގަކުރައްވަމުން ވިދާޅުވެފައިވަނީ މަރްހޫމު އިބްރާހިމް މަނިކަކީ ކުރިއަށް އޮތް ޖީލްތަކުގެ ބްރޯޑްކާސްޓަރުންނަށް އަގުހުރި ނަމޫނާއެއް ކަމަށެެވެ.

ޖަލްސާގައި އާއިލާގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް ވަނީ އަލްމަރްހޫމް އިބްރާހިމް މަނިކަކީ ޤައުމީ ޚިދުމަތުގައި، ހަމައެހެންމެ އާއިލީ ޒިންމާ އަދާކުރުމުގައިވެސް އާދަޔާ ޚިލާފު ބޭފުޅެއްކަމަށް ސިފަކޮށްދެއްވާފައެވެ. މިއާއިއެކު ކުރީގެ ހަނދާންތައް އާކުރަމުން އިބްރާހީމް މަނިކް އާއިލާއާއި ރަހުމަތްތެރިންނާއެކު ބޭއްވެވި ގާތް ގުޅުން އައްބާސް ފާހަގަކުރައްވާފައިވެއެވެ.

ތައުޒިޔާގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހްމާނު، ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވަނީ، މުވާސަލާތީ ދާއިރާއަށް އިބްރާހިމް މަނިކު ބޮޑު އިންޤިލާބެއް ގެނެސްދެއްވާފައިވާކަމަށާއި އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިވަޑައިގެން ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ފުޅާކުރެއްވުމަށް ނުހަނު ގިނަ މަސައްކަތްތަކެއްކުރެއްވި ބާނީއަކީ އިބްރާހިމް މަނިކްކަމަށެވެ.

ބްރޯޑްކާސްޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް ހާސިލުކުރެއްވި އިބްރާހިމް މަނިކު އަވަހާރަވެފައިވަނީ 30 ނޮވެމްބަރު 2022 ގައި އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު އިންޑިއާގެ ބެންގަލޫރުގައެވެ.  1974 ވަނަ އަހަރު ޕާރޓްޓައިމް މަސައްކަތެއްގެ ގޮތުގައި ބްރޯޑްކާސްޓިންގ ހަޔާތް ފެއްޓެވި އިބްރާހިމް މަނިކް މިދާއިރާ އިން މީހުން ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު 2006 އަކާއި ޖެހެންދެން ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް ފޯރުކޮށްދެއްވުމުގައި ދެމިހުންނެވިއެވެ.