ދުނިޔޭގެ އެންމެ ބޮޑު ޕަބްލިކް ސަރވިސް ޓީވީ ސްޓޭޝަން ގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ތަމްރީނުތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިއްޖެ

July 2, 2013

ދުނިޔޭގެ އެންމެ ބޮޑު ޕަބްލިކް ސަރވިސް ޓީވީ ސްޓޭޝަން ކަމަށްވާ އިންޑިއާގެ ދޫރު ދަރްޝަންގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ޓެކްނިކަލް ތަމްރީނުތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

އިންޑިއާ ގެ ބްރޯޑްކާސްޓިންގ އާއި ބެހޭ މަސްއޫލު ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ހޯދުމަށްޓަކައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މިހާރު ނިއުދިއްލީއަށް ވަޑައިގެން އުޅުއްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަތީ ފެންވަރުގެ ވަފުދުގެ ބޭފުޅުން އިއްޔެ ވަނީ ދޫރުދަރުޝަންގެ މަސްއޫލު ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދޫރުދަރުޝަންގެ ޑިރެކްޓަރ ޖެނެރަލް ޓްރީ ޕުރާރީ ޝަރަން ވިދާޅުވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ތަރައްޤީއަށް ދޫރުދަރުޝަންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދެއްވާނެ ކަމަށާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ގާތްގުޅުމެއް ބާއްވަން ބޭނުންފުޅުވާކަމަށެވެ. މިގޮތުން ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ބްރޯޑްކާސްޓް ދާއިރާގެ ފަރާތްތައް ނިއުދިއްލީއަށް ފޮނުވުމުން ދޫރުދަރުޝަންގެ މުވައްޒަފުންނާއެކު އަމަލީ މަސައްކަތްތަކުގައި ބައިވެރިވެ ތަމްރީނާ ތަޖުރިބާގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޑިރެކްޓަރ ޖެނެރަލް ދެއްވިއެވެ. ފަނަރަ ހާސް ފަސްސަތޭކަ އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ދޫރުދަރުޝަނުން 33 ޓީވީ ޗެނަލް އޮޕަރޭޓްކުރެއެވެ.

މިބައްދަލުވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަ ފުޅުގައި މިފަދަ ފުރުސަތެއް ހަމަޖައްސަވާ ދެއްވީތީ ދޫރުދަރުޝަންގެ އިސްވެރިންނަށާއި ޕްރަސާބާރްތީގެ ވެރިންނަށާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވަފުދުގެ ބޭފުޅުން ދޫރުދަރުޝަންގެ ނިއުދިއްލީ ހެޑްކުއަރޓަރއަށް ޒިޔާރަތް ކުރެއްވުމުން ދެންނެވީ ވަރަށް ހޫނު މަރުހަބާއެކެވެ. ތަނުގެ އެކިއެކި ސްޓޫޑިއޯ ތަކަށާއި އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ސްޓޫޑިއޯތައް ދައްކާލުމުގެ އިތުރަށް ތަނުގެ އިސްވެރިންނާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މިހާރު ނިއުދިއްލީއަށް ވަޑައިގެން އުޅުއްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަތީ ފެންވަރުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ނައިބު ރައީސް އަބްދުﷲ ސުޖާއު އަދި ކޮމިޝަނަރ މުހައްމަދު އަސްލަމާއި، މަރިޔަމް ޝައުޤީ އާއި މޫމިނާ އާދަމްއެވެ.

ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 8 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ކޮމިޝަންގެ ވަފުދުން އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އާއި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރާއި ބްރޯޑްކާސްޓް ރެގިއުލޭޓަރީ ގްރޫޕް އާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އިންޑިއާގެ ބްރޯޑްކާސްޓިންގ އަދި ރީބްރޯޑްކާސްޓިންގ ސިނާއަތުގެ އެންމެހާ ކަންތައްތައް ބަލައި ދެނެގަތުމަށާއި މަސައްކަތްކުރާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުވުމަށް ނިއުދިއްލާގައި ހުންނަ ޑޫރްޑާރޝިއަން، އެންޑީ ޓީވީ، އެއަރޓެލް، ޒީ ޗެނަލް، ސޮނީ ޗެނަލް، އިންޑިއަން ބްރޯޑްކާސްޓިންގ ފައުންޑޭޝަން އަދި ކޮމިއުނިޓީ ބްރޯޑްކާސްޓާރސް ގޮތަށް ހަރަކާތްތެރިވާ ފަރާތްތަކާއިވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އޮތް ތައުލީމާއި ތަމްރީނު ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަން ސެންޓަރ އާއި އޭޖީކޭ މާސް ކޮމިއުނިކޭޝަން ސެންޓަރ އަށް ޒިޔާރަތްކޮށް ތަމްރީނުގެ ފުރުސަތުތަކާއި ގުޅޭ މަޢުލޫމާތު އޮޅުން ފިލުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.