ޓީވީ މޯލްޑިވްސް އަކީ އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާހުރި ޗެނެލެއް ނޫންކަމަށް އިންޑިއާ ސަރުކާރުން ކަށަވަރު ކޮށްދީފި

July 5, 2013

ރާއްޖޭގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ ޗެނެލެއް ކަމުގައިވާ ޓީވީ މޯލްޑިވްސް އަކީ އިންޑިއާގެ ޤައުމީ ސަލާމަތަށް ނުރައްކާ ހުރި ޗެނެލެއް ނޫންކަމަށް އިންޑިއާ ސަރުކާރުން މިއަދު ކަށަވަރުކޮށްދީފިއެވެ.

މި ކަން ހާމަވެގެން ދިޔައީ، އިންޑިއާގެ ސަރުކާރުގެ ދައުވަތަކަށް މިހާރު ނިއު ދިއްލީއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިސްވެރިންގެ ވަފުދު މިއަދު އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.  ޓީވީ މޯލްޑިވްސް އަކީ އިންޑިއާގެ ޤައުމީ ސަލާމަތަށް ނުރައްކާހުރި ޗެނެލެއްގެ ގޮތުގައި ލިސްޓްކުރެވުނު ކަމުގެ ޚަބަރެއް މީގެ ދުވަސްކޮޅެއް ކުރިން ފެތުރިފައިވުމާއި އެކު މި ކަމުގެ ހަޤީޤަތް ސާފުކުރެއްވުމުގެ ގޮތުން މި އަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އެ ސުވާލު ކުރިމަތި ކުރެއްވުމުން، އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ޖޮއިންޓް ސެކްރެޓަރީ ސުޕްރިއާ ސަހޫ ވިދާޅުވީ، ޓީވީ މޯލްޑިވެސް އާ ގުޅޭގޮތުން ކުރިން ފެތުރިފައިވާ ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށް އިންޑިއާ ސަރުކާރުން ކަށަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް އިންޑިއާގައި ލައިސަންސް ނެތި ޑައުންލިންކް ކޮށްގެން ދައްކާ ޗެނެލްތަކާ ގުޅޭގޮތުން  2009 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ ސަރުކާރުން ހެދި ދިރާސާއެއްގައި ހިމެނުނު 26 ޗެނެލުގެ ތެރޭގައި ޓީވީ މޯލްޑިވްސް ވެސް ހިމެނުނު ކަމާއި މީގެ ތެރޭގައި އަވަށްޓެރި ޕާކިސްޓާންގެ ޗެނެލްތައްވެސް ހިމެނޭ ކަމަށް ޖޮއިންޓް ސެކްރެޓަރީ ހާމަކުރެއްވިއެވެ. އިންޑިއާގެ ޤައުމީ ސަލާމަތަށް ނުރައްކާހުރި ޗެނެލެއްގެ ގޮތުގައި ޓީވީ މޯލްޑިވްސް ނުވަތަ ރާއްޖޭގެ އެއްވެސް ޗެނެލެއް ހިމެނޭ ކަމަށް އެ ދުވަސްވަރު ފެތުރުުނު ޚަބަރުގައި ހާމަވެފައިވާނަމަ އެއީ މީޑިއާގެތެރެއިން ޒިންމާދާރުކަން ކުޑަގޮތަކަށްް ފެތުރިފައިވާ ޚަބަރެއްކަމަށް ވެސް ޖޮއިންޓް ސެކްރެޓަރީ ހާމަކުރެއްވިއެވެ.

އިންޑިއާގައި ޑައުންލިންކްކޮށްގެން ދެއްކޭނެ ބޭރުގެ ޗެނެލްތަކަކީ ހުއްދަ ހޯދައިގެން ދައްކަންޖެހޭ އެއްޗެއް ކަމާއި މިގޮތުން އިންޑިއާގެ ރީބްރޯޑްކާސްޓަރަކާ ގުޅިގެން އަދި އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން ހުއްދަ ހޯދައިގެން މިފަދަ ޗެނެލްތައް ދެއްކިދާނެ ކަމަށް ވެސް ޖޮއިންޓް ސެކްރެޓަރީ ހާމަ ކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އެއްވެސް ޗެނެލަކުން މިފަދަ ހުއްދައަކަށް އެދި ހުށަހަޅައިފިނަމަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.