ގާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ފަރާތްތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅަން ފަށައިފި

December 2, 2013

ލައިސަންސް ނެތި ގާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައި، އެ ކަން ތަންފީޒުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅަން ފަށައިފި އެވެ.

އެގޮތުން ގއ. ނިލަންދޫގައި “ޔުނީކްނެޓް” ކިޔާ ފަރާތަކުން ޤަވާޢިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރަމުން ގެންދާ ކަމަށް މި ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، އެ މައްސަލަ ބެލުމަށްފަހު، ގއ. ނިލަންދޫގައި ޤާނޫނާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގގެ ޚިދުމަތް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ހުއްޓުވުމަށް ކޮމިޝަނުން މިހާރު ވާނީ ހުށަހަޅައިފައެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތަކީ ރައްޔިތުންނަށް ބޭނުންވާ ވަރަށް އަސާސީ ހިދުމަތަކަށް ވާތީ، އެ ހިދުމަތް ދެމުންދާ ފަރާތްތަކުން، ގާނޫނާ އެއްގޮތަށް، ލައިސަންސް ނަގައިގެން ހިދުމަތް ދިނުމަށް މި ކޮމިޝަނުން މި އަންނނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅާނެކަން ވެސް ވާނީ އާންމުކޮށް އަންގައިފަ އެވެ.