ބްރޯޑްކާސްޓްކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން ވަނަން ބޭނުން ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފި

March 19, 2015

ބްރޯޑްކާސްޓްކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން ވަނަން ބޭނުން ނުކުރުމަށާއި ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑުގެ ހަމަތަކާއި މިންގަނޑުތަކުގެ ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން  ބްރޯޑްކާސްޓަރުންނަށް ހަނދާން ކޮށްދީފީއެވެ.

ތިރީގައި މިވަނީ މިކަމާއި ގުޅޭ ގޮތުން ކޮމިޝަނުން ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޮނުވާފައިވާ ސަރކިއުލަރ އެވެ.

“ބްރޯޑްކާސްޓްކުރައްވާ ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ބްރޯޑްކާސްޓްކުރުމުގައި، ފަރުދުންނަށާއި ޖަމާޢަތްތަކާއި މުއައްސަސާތަކުގެ ނަން ބޭނުން ކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން، ވަނަން ބޭނުން ކުރައްވާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ.

“ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ 1 ވަނަ މިންގަނޑުގައި، މީހެއްގެ ނުވަތަ ބައެއްގެ ޙުރުމަތް ކެނޑިދާ ފަދަ ނުވަތަ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރަން ބަޔާންކޮށްފައިވާނެއެވެ.

“ވީމާ، މި ކޮމިޝަނުގެ ނަމްބަރ 427-LCM/CIR/2012/14 (6 ސެޕްޓެމްބަރ 2012) ސަރކިއުލަރ އިން ވެސް އަންގައިފައިވާނޭ ފަދައިން، ބްރޯޑްކާސްޓްކުރައްވާ ކޮންމެ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ ހަމަތަކާއި މިންގަނޑުތަކުގެ ދާއިރާގެ ތެރޭގައިހިފަހައްޓާފައިވާ ކޮންޓެންޓަކަށް ހެދުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.”