ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ނޫސްވެރިންނަށާއި މީޑިއާގެ ފަރާތްތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ފޮނުއްވައިފި

May 3, 2013

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ނޫސްވެރިންނަށާއި މީޑިއާގެ ފަރާތްތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ފޮނުއްވައިފިއެވެ.

ތިރީގައި މިވަނީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖެވެ.

“މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ނޫސްވެރީންނަށާއި މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ތަހުނިއާ އާއި މުބާރަކްބާދު ފޮނުވަމެވެ.

ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިކަމަށް ވީހިނދު ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާކޮށް އޮތް ކަމަށް ބެލެވޭނޭ އެންމެ މުހިއްމު އެއް މިންގަނޑަކީ ނޫސްވެރިން މަސައްކަތްކުރާނެ އަމާން މާހައުލެއް ޤާއިމްވެފައި އޮތުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމާއި އަދި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން އޮތުން ކަމުގައި އެއީ އަޅުގަނޑުމެން އެއްމެންވެސް ޤަބޫލުކުރާނެ ކަމެކެވެ.

އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާގޮތުގެ މަތީން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ކަށަވަރުވެގެންވާ ހައްގެއް ކަމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދެއެވެ. އަދި މިއީ ޚަބަރު ފަތުރާ ވަސީލަތްތަކަށް ވެސް ލިބިގެންވާ ހައްގެކެވެ.

މިނިވަން ނޫސްވެރިކަމަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ މައްލޫމާތު ފަސޭހައިން ލިބިގަތުމަށް ހުރި ހުރަސްތައް ކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައްލޫމާތުު ފުރިހަމަ ގޮތެއްގައި ނޫސްވެރީންނަށް ލިބޭނޭ މަގުފަހިކޮށްދީފައި ވެއެކޭ އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެއެވެ. މި މުހިއްމު ޙައްގުގެ ބޭނުން ކުރެވޭނޭ ގޮތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ވީ އެންމެ އަވަސް މިނެއްގައި ފަސޭހައިން މައްލޫމާތު ލިބޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ މިއަދު އަޅުގަނޑަށް ކުރަންޖެހޭ މުނާސަބު އިލްތިމާސްއެއް ކަމުގައި ދެކެމެވެ.

މައުލޫމާތު ފަސޭހައިން ލިބުމަށް މަގުފަހިކުރުމުގެ ގޮތުން ކަމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ ވަނީ ލައްކަ ދުވަސްވަފެއެވެ. މި ދަނޑިވަޅުގައި، އަޅުގަނޑުގެ އެދުމަކީ މި ބިލްގެ މަސައްކަތް ވެސް ވީހާ އަވަހަކަށް ނިމިގެން ގޮސް މައުލޫމާތު ލިބިގަތުމުގައި ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ކަށަވަރުކަން ވެސް ނޫސްވެރީންނަށް ލިބިގެން ދިއުމެވެ.

ގާނޫނެއް ނެތަސް، ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފަރާތުން އިސްނަގައިގެން މިހާރު ވާނީ މި ކޮމިޝަނުގެ އެތެރޭގެ މައުލޫމާތު ހާމަކުރުމާއި ޢާއްމުކުރުމުގެ ސިޔާސަތެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށާފައެވެ. މި ސިޔާސަތަކީ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުން ވެސް ފަސޭހައިން ބޭނުންކުރެވޭނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ސިޔާސަތެއް ކަމުން އެ މުއްސަސާތަކުން ވެސް މީގެ ބޭނުންކުރެއްވުމަކީ މި ކޮމިޝަނުން ނުހަނު ތަރުހީބު ދޭ ކަމެއްކަން މި ފުރުޞަތުގައި ދަންނަވަމެވެ.

މިނިވަން ނޫސްވެރިކަމަށް ހުރި ނުރައްކާތަކާއި ގޮންޖެހުންތަކަކީ އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައިވާ ކަންކަމެވެ. އެހެންކަމުން މި ކަންކަން ދެނެގަނެ މިކަންކަން ހައްލުކުރުމަށް އެޅިދާނޭ ފިޔަވަޅުތައް ބެލުމަށްޓަކައި މީޑިއާ ތްރެޓް އެނެލިސިސްއެއް ހެދުމުގެ މަސައްކަތް ކޮމިޝަނުން މިހާރު މިގެންދަނީ ކުރަމުންނެވެ. މި ދިރާސާ ނިމި ކަމާ ގުޅޭ ރިޕޯޓް އެކުލަވާލުމުން މިނިވަން ނޫސްވެރިކަމަށް ހުރި ހުރަސްތައް އެނގި އަދި ނޫސްވެރިކަމަށް މިހާރަށް ވުރެ މިނިވަން މާހައުލެއް އުފެއްދުމަށް ހުރިހާ ފަރާތްތައް ގުޅިގެން ކުރެވިދާނޭ މަސައްކަތްތައް ސާފުވެގެން ދާނެއެވެެ.

ނޫސްވެރީންގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، މިނިވަން ނޫސްވެރިކަމަށް ދިވާވެފައި ހުރި ހުރަސްތަކާ މެދު ފުންކޮށް ވިސްނާ މިކަމަށް ހާއްލެއް ހޯދުމަށް ދައުލަތުގެ އެންެމެހައި މުއައްސަސާތައް ވެސް ކަމަރު ބަނދެގެން މަސައްކަތްކުރުމަކީ މިނިވަން ޑިމޮކްރެޓިކް ނޫސްވެރިކަމުގެ ވެއްޓެއް މި ޤައުމުގައި ޤާއިމްކުރުމަށް ކުރެވޭނޭ މާތް މަސައްކަތަކަށް ވެގެންދާނެއެވެ. ނޫސްވެރިންނަށާއި ނޫސްވެރިކަން ކުރާ އިދާރާތަކާއި ތަކެއްޗަށް އެކި ބާވަތުގެ ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ދޭ ފަރާތްތަކެއް އުޅޭ ކަމީ ނުހަނު ހިތާމަކުރަންޖެހޭ ހަޤީގަތަކެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށް ހުރި ނުހަނު ބޮޑު ގޮންޖެހުމެއް ކަމާ މެދަކު ޝައްކެއްވެސް ނެތެވެ.

މި ދެންނެވި ކަންކަން އެހެން ހުރުމާއެކު ބްރޯޑްކާސްޓިންގ ކޮމިޝަނުން އިސްނަގައިގެން މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ފަސް ނުކުތާގެ މި ވައުދެއް ވާނީ އެކުލަވައިލައިފަ އެވެ. މި ވައުދުގައި ސޮއިކުރުމަށް މިއަދު ބާއްވަން ހަމަޖެހިފައި އޮތް ހަރަކާތް، މޫސުން ތަން ނުދިނުމުގެ ސަބަބުން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މި ވައުދުގައި ސޮއިކުރުން ވަކިވަކިން ކުރިއަށް ގެންދެވޭނެ އެވެ. މި ވައުދުގައި ސޮއިކުރައްވާ ހުރިހާ ފަރާތްތަކެއް ވެސް މިނިވަން ނޫސްވެރިކަމުގެ އަގު ވަޒަންކުރައްވާ ނޫސްވެރީންނަަށް ފަސޭހައިން މައްލޫމާތު ލިބިދެވޭނޭ އިންތިޒާމެއް ހަމަޖައްސަވައިދެއްވާ އަދި އެ ފަރާތްތަކަށް ލިބިދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އައު ރޫހަކާއެކު މަސައްކަތް ކޮށަދެއްވުމަކީ ހުރިހާ ބްރޯޑްކާސްޓަރުންނާއި ނޫސްވެރީންގެ ނަމުގައި އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެކެވެ.

މިނިވަންކަމުގެ ޙުދޫދުގެ ތެރެއިން ފާޅުކުރެވޭ ޚިޔާލުތައް ޒިންމާދާރުކަމާއެކީ ރައްޔިތުންނަށް ފޯރުވައިދިނުމަކީ މީޑިއާގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތެކެވެ. މުޖުތަމަޢުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި ބައިބައިވުން އުފެދިގެން ދިއުމާ ދެމެދު މީޑިއާއިން ގެނެސްދޭ މަޢްލޫމާތާއި ޚަބަރުތައް ގެނެސްދެވޭ ގޮތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވެއެވެ. އެހެންކަމުން މުޖުތަމަޢުގެ އަމަންއަމާންކަމާއި ސުލްހަވެރިކަމަށް މަގުފަހިވާގޮތަށް މީޑިއާގެ ޢަމަލުތައް ބެހެއްޓުމަކީ މީޑިއާގެ އެންމެ މުހިއްމު އެއް ދައުރުކަމާމެދު ދެބަސްވާނޭ ފަރާތެއް ނުހުންނާނެއެވެ.

އަޅުގަނޑު އެދެނީ ދިވެހި ނޫސްވެރިކަމަށް ރޯޝަނީ މުސްތަގުބަލެކެވެ.”